20 Dec 2015, 12:17
ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ކޮލި އަލީ އުމަރު މަނިކަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަލީ އުމަރު މަނިކު އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޑޮކްޓަރ މުހައްމަދު އަލީއަށް ރައީސް ޔާމީން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި އަލި މަނިކު އަވަހާރަވި ވާހަކަފުޅު އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކުގައި ކަމަށް ވިދާޅުވި އެވެ. އަލި މަނިކަކީ ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު ދެކެމުންދާ ތަރައްގީގެ މުހިއްމު ހިއްސަދާރެއްކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
އަލީ އުމަރު މަނިކު އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.
އަލީ އުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 13 ޖުލައި 1958ގަ އެވެ.
އަލީ އުމަރު މަނިކު އެންމެ ފުރަތަމަ އަދާކުރެއްވީ ހާރިޖިއްޔާގެ ސަފީރު އޮފީހުގެ ވެރިޔާގެ ސެކްރެޓަރީ ކަމުގެ މަގާމެވެ. އޭގެ ފަހުން، ވަޒީރުލް އަޢުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، ދިވެހި ދައުލަތުގެ ވިޔަފާރިއާބެހޭ ސަފީރުކަން ކުރައްވާފައިވެ އެވެ. އަދި މިނިސްޓަރ އޮފް ޝިޕިން ކަމުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.
ރާއްޖޭގައި 1972 ވަނަ އަހަރު ފަތުރުވެރިކަން ތައާރުފުވުމާއެކު، އެ މަސައްކަތް ތަރައްގީ ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރު އެކުލަވައިލެއްވި ހާއްސަ ކޮމިޓީގައި ހިމެނިވަޑައިގެން، އެރޮނގުން ވެސް އަލީ އުމަރު މަނިކު ވަނީ އިހުލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފަ އެވެ. އަލީ އުމަރު މަނިކުގެ ހިދުމަތްތަކެއް ތެރެއިން ރާއްޖޭގެ މުވާސަލާތީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި މުވާސަލާތީ ވިއުގަ ތަރައްގީ ކުރެއްވުމަށާއި، ރާއްޖެއަށް ސެޓަލައިޓް ކޮމިއުނިކޭޝަންގެ ހިދުމަތާއި، ޓެލެފޯން، ޓެލެކްސް އަދި ފެކްސްގެ ޚިދްމަތް ތައާރަފްވެގެން ދިއުމުގައި، އެމަނިކުފާނު އަމަލީގޮތުން ކުރެއްވި މަސައްކަތްޕުޅުތައް ހަނދާންކުރަންޖެހެއެވެ. އަދި ރާއްޖޭގައި ޓީވީ ސްޓޭޝަން ގާއިމުކުރެއްވުމުގެ ކަންކަން އަމަލީގޮތުން ހިންގެވި ބޭފުޅަކީވެސް އަލީ އުމަރު މަނިކެވެ.
އުމަރު މަނިކަކީ ރާއްޖޭގެ މިޒަމާނުގެ އިގްތިސާދު ތަރައްގީ ކުރެއްވުމަށްގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ޒަމާނީ ބަދަލުތަކެއް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާ އެވެ.