މުމްބާއީ (ޑިސެމްބަރ 20): ބޭސް އުފެއްދުމަށް އެމެރިކާގެ އެފްޑީއޭ އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑަށް އިންޑިއާގެ ސަން ފާމަސޫޓިކަލް އިންޑަސްޓްރީސް ލިމިޓެޑްގެ ގުޖްރާތުގައި ހުންނަ ކާރުހާނާގެ ސިއްހީ މިންގަނޑު ނުފެތޭތީ، އެކުންފުންޏަށް އަނެއްކާވެސް އެމެރިކާގެ އެފްޑީއޭ އިން އިންޒާރު ދީފި އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން [އެފްޑީއޭ] އިން ސަން ފާމަސޫޓިކަލްސްއަށް ފޮނުވާފައިވާ "އިންޒާރުގެ ސިޓީ"ގައި ވާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެފްޑީއޭ އިން ދީފައިވާ އިންޒާރަށް ފަހު ސަން ފާމަސޫޓިކަލްސް އިން އެކަށީގެންވާ މިންވަރަށް އެމައްސަލަތައް އިސްލާހުކުރުމަށް މަސައްކަތް ކޮށްފައި ނުވެ އެވެ.

ގުޖްރާތުގައި ހުންނަ ކާރުހާނާ ބެލުމަށްފަހު އެފްޑީއޭ އިން ނެރެފައިވާ އިންސްޕެކްޝަން ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގިނަ އަދަދެއްގެ މައްސަލަތަކުގެ ތެރޭގައި އެކާރުހާނާގެ ސީލިން އިން ފެން ލީކު ވުމާއި، އެސެޕްޓިކް ޕްރެކްޓިސެސްގައި މައްސަލަ ހުރުން ހިމެނެ އެވެ.

ސަން ފާމަސޫޓިކަލްސް އިން އެމައްސަލަތަކަށް ހައްލެއް ނުހޯދައިފި ނަމަ އެކުންފުނީގެ ބޭސް އެމެރިކާއަށް އިމްޕޯޓު ކުރުން އެމެރިކާއިން މަނާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޖުރާތުގައި ހުންނަ ސަން ފާމަސޫޓިކަލްސްގެ ކާރުހާނާއަކީ އެމެރިކާއަށް އެކުންފުނިން ބޭސް އެކްސްޕޯޓު ކޮށްގެން ލިބޭ ފައިދާގެ 15 ޕަސެންޓް ހިއްސާ އަދާކުރާ ކާރުހާނާ އެވެ. އެކާރުހާނާއަކީ އާއްމުކޮށް އުފައްދަން އުނދަގޫ އަދި ބޭސްވެރިކަމުގެ ސިނާއަތުގައި ބޮޑު ފައިދާއެއް ލިބޭ އިންޖެކްޓެބްލް ޕްރޮޑަކްޓްސް އުފައްދާ ކާރުހާނާ އެވެ.

އެމެރިކާގެ އެފްޑީއޭ އިން ފާހަގަކޮށްފައިވާ އެމައްސަލަތައް ހައްލުކުރުމަށް ސަން ފާމަސޫޓިކަލްސް އިން "ފުދޭވަރެއްގެ އިންވެސްޓްމެންޓްތައް" ކޮށްފައިވާ ކަމަށް އެކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މައުލޫމާތު: ރޮއިޓާސް