20 Dec 2015, 11:21
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފް ކުރީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ކަމަށެވެ.
ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން ޝަރުއީ ނިޒާމުގެ ތެރެއިން ރައީސް ނަޝީދަށް އިންސާފު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ.
" ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުންދާ ފަދައިން އަޅުގަނޑުމެންވެސް އުންމީދުކުރަން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލައަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ލިބިގެންދާނެ ކަަމަށް،" ހިސާން ވިދާޅުވި އެވެ.

މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް ނަޝީދުގެ ވަކީލު ހިސާން ހުސައިން މައުލޫމާތު ދެއްވަނީ -- ސަންފޮޓޯ -- އަލީ ނަސީރު
ރައީސް ނަޝީދު ޖަލުގައި ހުއްނަން ޖެހުމުގެ ސަަބަބުން ބޭރުގެ ބޮޑެތި ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވާ ކަމަށާއި އެހެންކަމުން ރައީސް ނަޝީދު މިނިވަން ވުމަކީ ހުރިހާ ދިވެހި ރައްޔިތުންވެސް އެންމެ ބޭނުންވާނެ ގޮތް ކަމަށް ހިސާން ވިދާޅުވި އެވެ.
އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް
- ނަޝީދުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދައުވާ ބާތިލް ކުރުމަށް
- ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް ކުރެވުނު ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ނިންމަވައި ދެއްވުން
- އަބްދުﷲ ގާޒީ ހައްޔަރު ކޮށް ބަންދުގައި ބެހެއްޓުމަކީ ކުށެއްކަމަށް ސްޕްރީމް ކޯޓަށް ފެންނަނަމަ އާގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކޮށްދިނުމަށް ޕީޖީގައި އެދުން
މިއަދު އިސްތިއުނާފަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށްފަހު ރައީސް ނަޝީދު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދޭނެ ކަމަށް ހިސާން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ރައީސް ނަޝީދުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަަށް ވިދާޅުވި އެވެ.
ޕީޖީގެ ފަރާތުންވެސް ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެމައްސަލަ މިހާރު ވަނީ ކޯޓުން ބަލައިގަނެފަ އެވެ.