ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ މީދުއަށް ލެއްގި ބޮޑުމަހުގެ ބޮލާވީ ހިސާބުގެ ބައިގައިވާ ޖަހައިގެން ކަނޑަށް ބޭރުކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް ފަރާތަކު ބުނެފައި ވަނީ އެ ބޮޑުމަހުގެ ބޯ ކަނޑަ ބޭރު ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

"އިއްޔެ ވަނީ އެ މަސައްކަތް [ބޮޑުމަސް ބޭރު ކުރުމުގެ މަސައްކަތް] ފަށާފައި. ސީދާ ވަގުތެއް ނޭގެ. އެކަމު އިއްޔެ މަޝްވަރާ ކުރުމަށް ފަހު ވަނީ އެ މަސައްކަތް ފަށާފައި. މިއަދު އެ މަސައްކަތް ނިމިފައިވާ އިރު އެ މަސް ކަނޑަށް ގެންދިޔުމަށް ވާގަނޑެއް ބޭނުން ކޮށްފައި ވަނީ. ދެން ބޯޓެއް ބޭނުން ކޮށްގެން އޭތި ނެރުނީވެސް،" އޭނާ ބުންޏެވެ.

ސްޕާމް ވޭލްއެއް ކަމަށް ބެލެވޭ ބޮޑު މަސް ބޭރު ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިންނާއި ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް)ގެ އިތުރުން ފުލުހުން ވެސް ބައިވެރިވެފައިވެ އެެވެ.

ބޮޑުމަހުގެ ބޯ ކަނޑަށް ގެންދިޔުމުގެ މަސައްކަތް ނިމިފައިވާ އިރު މިހާރު އެމްއެންޑީއެފް އިން މަސައްކަތް ކުރަމުން ދަނީ އެ ބޯ އެހެން ސަރަހައްދަކަށް ނުލައްގާނެ ގޮތެއް ހެދުމަށެވެ.

ވަރަށް ބޮޑަށް ކުނިވެފައިވާ ބޮޑުމަހުގެ ބޮލުގެ ބައިގައި 50 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ސަން އަށް މައުލޫމާތު ދިން ފަރާތަކު ވަނީ ބުނެފަ އެވެ.