ރ. އަލިފުށީ ބޯޓެއް ކަމަށްވާ "ފޯސީ" ރޭ މެންދަމުގެ ވަގުތެއްގައި ފަރަށް އަރައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އަރައިގެން ރޭ މެންދަމު 02:14 އެހާކަންހ ާއިރު ވަނީ އެމްއެންޑީއެފް އަށް އެ މައްސަލަ ރިޕޯޓުކޮށްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓުގައި 72 މީހަކު ތިބި ކަމަށެވެ.

އޭނާ ވިދާޅުވީ ރޭގެ ވަގުތެއްގައި އެ ބޯޓު ފަރަށް އަރާފައި ވަނީ ޒިޔާރަތްފުށި ކައިރިން ކަމަށެވެ.

އަދުނާން ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި އެމީހުންގެ ހާލަތު ރަނގަޅު ކަމަށެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެމީހުން މާޅެ ގެނެސްފައި ވަނީ މިއަދު ފަތިހު 05:11 ގަ އެވެ.

ބޯޓުގެ ފުންކުރުމުގެ މަސައްކަތް ރޭން ފެށިގެން ކުރަމުން އަންނަ ކަމަށާއި މިހާރު ބޯޓު ވަނީ ފުން ކޮށްފައި ކަމަށް އަދުނާނު ވަނީ ވިދާޅުވެފަ އެވެ.