20 Dec 2015, 10:01
އައްޑޫ ސިޓީގެ މަގުތަކުގައި ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް މޯލްޑިވެސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.
އެމްއާރްޑީސީގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ހެޑް ޝާރިފް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު ރަށެއްގެ މަގުތަކުގައި ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.
" އެއީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫ،... އެ މަސައްކަތް އަޅުގަނޑުމެން ފެށީ މިމަހުގެ 10 ވަނަ ދުވަހު،" ޝާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އައްޑޫ ސިޓީގެ މަގުތަކުގައި ކުރަމުން އަންނަ ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާތަނަށް ނިމިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަންދާޒާ މިކުރަނީ މިއަންނަ މަހުގެ މެދުތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،" ޝާރިފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޕީޑް ބްރޭކަރު އެޅުމުގެ އިތުރުން، މަގުތައް މަރާމާތު ކުރުމާއި މަގުތަކުގައި ނިޝާންތައް ޖެހުމާއި އަދި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ވެސް އެ ކުންފުނީ އިން ކުރަމުން އަންނަ ކަމަށެށެވެ.
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާ ލިންކު ރޯޑުގައި ވެސް ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަސްތެރޭގައި ފާށާނެ ކަމަށް ވެސް ޝާރިފު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން މިހާތަނަށް އައި އިރު އެތައް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.