ބަޣްދާދު (ޑިސެމްބަރު 20) : އެމެރިކާ ސިފައިން އިރާގަށް ދިން ޙަމަލާތަކެއްގައި އިރާގު ސިފައިންގެ 11 މީހުން މަރުވި މައްސަލައިގެ ޒިންމާ އެމެރިކާ އުފުލަން ޖެހޭނެ ކަމަށާއި މިއީ ގަސްދުގައި އެމެރިކާ ދިން ޙަމަލާތަކެއްކަމަށް އިރާގުން ބުނެފި އެވެ.

އިރާގުގެ ޕާލަމެންޓްގެ ދިފާޢީ ކަންކަމާ ބެހޭ ސަބް ކޮމިޓީގެ ވެރިޔާ ހާކިމް އައްޒާމިލީ ވިދާޅުވީ މިއީ ގަސްދުގައި އެމެރިކާ ސިފައިން ހިންގި ޖަރީމާއެއްކަމަށް ބެލެވޭކަމުގަ އެވެ. ޒާމިލީ ވިދާޅުވީ މިހާދިސާ ހިނގައި ދިޔަ ގޮތަށް ބަލާ އިރު މިއީ އެމެރިކާ ސިފައިން ގަސްދުގައި ދިން ޙަމަލާއެއްކަމުގެ ހެކިތައް އެބަހުރި ކަމުގަ އެވެ. އިރާގުގައި އެމެރިކާ ސިފައިން އިރާގުގައި މީގެ ކުރިން ހިންގި އަސްކަރީ އޮޕަރޭޝަން ތަކުގައި ވެސް އިރާގު ސިފައިންނަށް އޮޅިގެން ކަމަށްބުނެ އެތައްފަހަރަކު ޙަމަލާދީ އިރާގު ސިފައިންގެ އެތައްބަޔަކު މަރާލާފައިވެ އެވެ. ނަމަވެސް މިފަހަކަށް އައިސް އެމެރިކާގެ މިފަދަ ޙަމަލާތައް މަދުވެފައިވެ އެވެ.

އެމެރިކާ ސިފައިން އޮޅިގެން ކަމަށްބުނެ ވައިގެ މަގުން ޙަމަލާދީފައި ވަނީ ފައްލޫޖާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ އިރާގު ސިފައިންގެ ޔުނިޓަކަށެވެ. މިއީ އައިއެސް ޖަމާއަތުގެ ބާރުގަދަ ސަރަހައްދެކެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ބުނާ ގޮތުން ޙަމަލާތައް އަމާޒުކުރީ އައިއެސްގެ ހަނގުރާމަވެރިންނަށެވެ. އިރާގުގެ ދިފާއީ ވުޒާރާއިން ވަނީ މިހާދިސާ ތަހްގީގް ކުރަން ފަށައިފަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވެފައި ވަނީ މިއީ އޮޅިގެން ދެވުނު ޙަމަލާއެއްކަމަށާއި މި ކަމުގެ ޒިންމާ އެމެރިކާގެ އިތުރުން އިރާގުންވެސް އުފުލަންޖެހޭނެކަމުގަ އެވެ.

މިހަލާ ދިން ސަރަހައްދަކީ އެމެރިކާ ސިފައިން އާންމުކޮށް ހަމަލާދޭ ސަރަހައްދެއްކަން އިރާގު ސިފައިންނަށް އެނގޭ އިރު އެމީހުން އެތަނުން ދުރަށް ނުގޮސް ތިބުމަކީ އިރާގު ސިފައިން ވެސް ޒިންމާ އުފުލަން ޖެހޭ ކަމެއްކަމަށާ އިރާގު ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިން ވަކިކުރަން އެމެރިކާ ސިފައިންނަށް ނޭންގުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ވެސް ކާޓަރު ވިދާޅުވި އެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވެސްވަނީ މިމައްސަލާގައި ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. (އަލްޖަޒީރާ)