އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ 2-3ގެ ނަތީޖާ އަކުން އެވަޓަން އަތުން މޮޅުވި އިރު މެންޗަސްޓާ ޔުނައިޓެޑް ވަނީ 1-2 ގެ ނަތީޖާއަކުން ނޯވެޗް ސިޓީ އަތުން ބަލިވެފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ލެސްޓާ އެއް ވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަަނައިގައި އޮތް އާސެނަލަށް ވަނީ 16 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މި ހަފްތާގައި ކުޅޭ މެޗުގައި ހޯމަ ދުވަހުގެ ރޭ ބައްދަލުކުރާނީ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި އެވަޓަން ބައްދަލު ކުރި މެޗްގައި ލެސްޓާ ގެ ޝިންޖީ އޮކަޒާކީ ލަނޑުޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ:އޭޕީ

މި ސީޒަންގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ލެސްޓާ ސިޓީ އިން ވަނީ އެވަޓަންގެ ދަނޑުގައި އެ ޓީމް ކޮޅަށް ތިން ގޯލް ޖަހާފަ އެވެ. އެ ޓީމްގެ ފުރަތަމަ ދެ ގޯލް ރިޔާދު މާރޭޒު ކާމިޔާބް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި އިރު އަނެއް ގޯލް ޖަހައިދިނީ ޖަޕާންގެ ޝިންޖީ އޮކަޒާކީ އެވެ.

އެ މެޗްގައި އެވަޓަން އިން ކާމިޔާބު ކުރި ފުރަތަމަ ގޯލް ރޮމެލޫ ލުކާކޫ ޖަހައިދިން އިރު މެޗް ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ދެ ވަނަ ގޯލް ޖަހައިދިނީ ކެވިން މިރަލަސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑާއި ނޯވެޗެ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ލީޑުނެގީ ނޯވިޗްއިންނެވެ. މި ގޯލް މެޗުގެ 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ކެމެރޮން ޖެރޯމް އެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި އެލެކްޒެންޑާ ޓެޓޭ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 66 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ޒުވާން ފޯވާޑް އެންތޮނީ މާޝިއަލް ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ވަނީ ސުން ކަނޑުވާލަދީފަ އެވެ.