20 Dec 2015, 11:51
ބޮލީވުޑް ގެ މަޝްހޫރު ތަރި އަކްޝޭ ކުމާރް ވިލަން އެއްގެ ރޯލު ކުޅެން ނިންމައިފިއެވެ.
އޭނާ ވިލަން އެއްގެ ރޯލު ކުޅެން ނިންމީ މަޝަހޫރު ޑައިރެކްޓަރު ޝަންކަރް ޝަންމުގަމްގެ ފިލްމު "ރޮބޮޓް 2" ގައެވެ.
އަކްޝޭ އެ ފިލްމު ކުޅެން ނިންމާފައިވާއިރު، މީގެ ކުރިން ވަނީ އާމިރް ހާން، ރިތިކް ރޯޝަން ފަދަ ތަރިންވެސް އެ ފިލްމުގައި ވިލަންގެ ރޯލުން ކުޅެން ނިންމި ކަމުގެ ހަބަރުތައް ފެތުރިފައެވެ.
ރޮބޮޓް 2 ގައި އަކްޝޭ ވިލަން އެއްގެ ރޯލުން ފެނިގެންދާއިރު، އެ ފިލްމުގެ ލީޑު ރޯލުން އަކްޝޭއާ އިދިކޮޅު އެކްޓަރެއްގެ ގޮތުގައި ފެނިގެންދާނީ ރަޖްނީކާންތު އެވެ.
ރަޖްނީ ކާންތު ވަނީ ރޮބޮޓުގެ ފުރަތަމަ ފިލްމުގައިވެސް ލީޑް ރޯލު އަދާކޮށްފައެވެ.
އެ ފަހަރު އޭނާ ވަނީ އެ ފިލްމުގައި ދެ ރޯލެއް ކުޅެފައެވެ. އެއީ ހީރޯ އަދި ވިލަންގެ ރޯލެވެ.
ރަޖްނީ ކާންތު އާއިއެކު ބަތަލާއެއްގެ ރޯލުން އެ ފިލްމުން ފެނިގެން ދިޔައީ ބޮލީވުޑްގެ ތަރި، އަދި ރީތީގެ ރާނީ އައިޝްވަރިޔާ އެވެ.
ރޮބޮޓް 2 ގައި ވިލަން އެއްގެ ރޯލު ކުޅެން ނިންމި އަކްޝޭ ވަނީ މިހާތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ.
އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ރައުޑީ ރަތޯރް، އޯއެމްޖީ، އަދި ހައުސްފުލް ފަދަ މަޝްހޫރު ފިލްމުތައް ހިމެނެއެވެ.