ޗެލްސީގެ ކޯޗް ކަމުން މޮރީނިއޯ ވަކިކުރުމަށް ފަހު އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ސަންޑަލޭންޑް އަތުން 1-3 ގެ ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކި އިރު، މެޗުގެ ފަސް ވަނަ މިނެޓްގައި އިވަނޮވިޗް ވަނީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 13 ވަނަ މިނެޓްގައި ޕެޑްރޯ ރޮޑްރިގޭޒް ވަނީ ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު ފުޅާ ކޮށްދީފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ޗެލްސީގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން 50 ވަނަ މިނެޓްގައި ކާމިޔާބުކުރީ އޮސްކާ އެވެ. ސަންޑަލެންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެންއެރި ފަބިއޯ ބޮރިނީ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ރޭ ލިބުނު ތިން ޕޮއިންޓާ އެކު ޗެލްސީ ލީގުގެ 15 ވަނައިގައި އޮތީ 17 މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗަށް ޗެލްސީ ސްޓޭންފޯޑް ބްރިޖަށް ނުކުތީ އެސިސްޓެންޓް ކޯޗް ސްޓީވް ހޮލެންޑްގެ އިރުޝާދުގެ ދަށުން ނިކުއިން އިރު ޗެލްސީގެ ކޯޗް ކަމާ ހަވާލުވި ގޫސް ހިޑިންކް އިނީ މެޗް ބަލާށެވެ. އެމެޗް ކުޅެމުން ދިޔަގަޑީ ޗެލްސީގެ ސަޕޯޓަރުން ވަނީ މޮރީނީއޯއަށް ތާއީދުކޮށް އަޑު އުފުލާފަ އެވެ.