މިއަދުން ފެށިގެން އެމެރިކާ ޑޮލަރު ވިއްކާ އަގު 10.28ރ. އާއި 15.42ރ. ދެމެދުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ސަރުކާރުން ޕެގް ކުރުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ފޫނުބެއްދޭ ވަރުގެ ބޮޑަތި ގެއްލުންތަކެއް ލިބޭނެ ކަމުގެ އިންޒާރު ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މަސީ އިން ދީފި އެވެ.

މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) ރޭ ވިދާޅުވީ ޑޮލަރުގެ އަގަށް އައި ކުއްލި ބަދަލާ އެކު ތަކެތީގެ އަގުތައް ބޮޑުވެގެން ދާނެ ކަމަށާއި އެކަމުން އެންމެ ބޮޑަށް އަސަރުކުރާނީ އެތައް އަހަރު ދުވަހެއްގެ މުއްދަތައް ކޮންޓްރެކްޓްތައް ހަދާފައިވާ ކުންފުނިތަކަށް ކަމަށެވެ. އެގޮތުން އެނާ ވިދާޅުވީ "ކޮންޓްރެކްޓްތައް ހަދާފައި ހުރީ ފައިސާގެ ފުލެކްޗުއޭޝަނަށް ބަލައިގެން ނޫން ކަމަށް ވުމުން އެކަމުން ކޮންޓްރެކްޓަރަށް ލިބޭ ގެއްލުން ފޫބެއްދޭނެ ގޮތެއް" ނެތް ކަމަށެވެ.

ޑޮލަރުގެ އަގު ބޮޑުވުމާ އެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް މުސްތަގުބަލުގައި ލިބޭނެ ގެއްލުންތަކާ ގުޅޭ ގޮތުން ޖަނާހު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުންނަށް ސިނާއަތުން ލިބޭނެ ޖާގައެއް ނެތް ކަމަށާއި އެތައް ކުންފުންޏަކުން ސިނާއަތާ އަލްވާދާއު ކިޔަން ޖެހިދާނެ ކަމަށެވެ.

"ބޮޑަތި ގެއްލުންތަކެއް ލިބޭނެ. ކިހިނެއްތޯ ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުން ހިފަހައްޓާނީ. އަދި މީގެ އިތުރުން ބައެއް ކުންފުނިތައް ބަންދު ކުރާ ހިސާބަށް ދާނެ،" ޖަނާ ވިދާޅުވި އެވެ.

މަސީ އިން އަންނަނީ އެ ޖަމްއިއްޔާގެ މެންބަރުންނާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.
ޖަނާ ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހުރި ގޮންޖެހުންތަކަށް އޮތް ހަމައެކަނި ހައްލަކީ ސަރުކާރުގެ އެ ސިނާއަތް ސަބްސިޑައިޒް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މާބޮޑު ގޮތްތަކެއް ނެތް. މަޝްވަރާތަކެއް ކޮށްގެން މި އިންޑަސްޓްރީ ސަބްސިޑައިޒް ކުރުން މިއޮތީ،" ޖަނާ ވިދާޅުވި އެވެ.