މަޝްހޫރު ވިޔަފާރި އާއިލާގެ އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކޮލި އަލީ އުމަރު މަނިކު މިރޭ އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަން ކުރެއްވި އަލި މަނިކު ވަނީ ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އޭނާއަކީ ރާއްޖޭގެ އިގްތިސާދުގައި ބޮޑު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮލި އަލި މަނިކަކީ ރާއްޖޭގެ ތަރައްގީގެ އިސް މޭސްތިރިއެއް ކަމަށެވެ.