ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާއިމީކޮށް ގޭ ބަންދަށް ބަދަލުކޮށްފައިވާކަން އަންގައި ކަރެކްޝަނަލް ސާވިސް ދީފައިވާ ލިޔުމުގައިވާ ގޮތުން އެމަނިކުފާނު މިހާރު ހުންނަވަން ޖެހޭނީ ގެކޮޅުގައި ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު މިހާރުން މިހާރަށް ގެ އަށް ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ްސްޓްރެސް ފުރީ މާހައުލެއްގައި ރައީސް ނަޝީދު ބެހެއްޓެވުމަށް ޑޮކްޓަރުގެ ލަފާ ދެއްވުމުން ރައީސް ނަޝީދު ވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އަށް ހަފްތާ އަށް ގޭ ބަންދަށް ބަދަލުކުރައްވާފަ އެވެ. އަދިި އެމަނިކުފާނުގެ ގޭ ބަންދުގައި ހުންނަވަނިކޮށް ދާއީމީކޮށް ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ރައީސް ނަޝީދަށް ލިޔުން ހަވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ލިޔުމަކީ، ކަރެކްޝަނަލް ސާވިސްއިން މީގެ ކުރިން ދޫކޮށްފައިވާ ލިޔުންތަކެކޭ އެއްފަދައިން، އެ ސާވިސްއިން ދޫކޮށްފައިވާ، އެސަރވިސްގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުމެއްކަން އެ ލިޔުމުގެ ފޮރިންސިކް ތަހުލީލުތަކުން ހާމަވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ 19 ޖުލައިގައި ރައީސް ނަޝީދަށް ހަވާލުކުރެއްވި ލިޔުމަށް 17 ޖުލައިގައި ސަރުކާރުން އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

"އެއީ ރައީސް ނަޝީދު 8 ހަފްތާއަށް ގޭބަންދުކޮށްފައިވަނީ 23 ޖޫންގައި ދޫކޮށްފައިވާ ސިޓީއިން ކަމަށްވެފައި، އެ ސިޓީގައި ބުނެފައިވާ މުއްދަތު ނިމުމަކަށް އައީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުކަމަށްވާތީއެވެ. ވީމާ 17 އޮގަސްޓުން ފެށިގެން 23 އޮގަސްޓާއި ހަމައަށް ރައީސް ނަޝީދު ގޭގައި ބަހައްްޓަވާފައި ހުންނެވީ ޖުލައި މަހުގެ 19ވަނަ ދުވަހުގެ ސިޓީގެ ތަންފީޒީ ބާރުގެ ދަށުންނެވެ. އަދި ދައުލަތުގެ އިސްވެރިންވެސް، ބުނެވިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުގެ ސިޓީގެ ސައްހަކަމުގެ ޔަގީންކަން ދީފައިވެއެވެ." ބަޔާނުގައިވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ދޫކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ ސައްހަކަން ފުލުހުން އަންނަނީ ބަލަމުން ނެވެ. އެ މައްސަލައާ ގުޅޭ ގޮތުން ނަޝީދުގެ ވަކީލުން ވަނީ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާ ވެސް ބައްދަލު ކުރައްވާފަ އެވެ. އަދި ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ގެއަށް ބަދަލުކުރި ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލާ ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ދެއްވާފައިވާ ކަމަށް ނަޝީދުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

"ދައުލަތުގެ އިދާރާއަކުން އެއްވެސް ރައްޔިތަކާމެދު ފިޔަވަޅެއް އެޅުމާއި، ނިންމުން ނިންމުމާއި އެފަދަ ފިޔަވަޅެއް އަދި ނިންމުމެއް ހިމަނާފައިދޭ ލިޔެކިޔުމަކީ އޭގެ ޒާތުގައި ޤާނޫނީ ގޮތުން ސައްޙަ އަދި ތަންފީޒީ ބާރު ލިބިގެންވާ އެއްޗެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހެއެވެ. އެހެނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުވައްޒަފަކު ޢަމަލުކުރަންޖެހޭ އިޖުރާއަތާ ޚިލާފަށް ކުރާ ކަމަކުން ޢާންމު ރައްޔިތުމީހާއަށް އެކަމުގެ ދެރައާ ގެއްލުން ލިބުމަކީ އެއްވެސް ޙާލެއްގައި ވެގެންވާނޭ ގޮތެއް ނޫނެވެ." ބަޔާނުގައިވެ އެވެ.