19 Dec 2015, 21:45
ކ. މާފުށި ކައިރިން ދަތުރުކޮށްފައި ދިޔަ ލޯންޗަކާއި ޑައިވިން ދޯންޏެއް އެކްސިޑެންްޓުވެ ދެ ފަތުރުވެރިޔަކު މަރުވި މައްސަލާގައި ލޯންޗު ކެޕްޓަން ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހަމަ އެ ރޭ ލޯންޗުގެ ކެޕްޓަން ހައްޔަރު ކުރި ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި މަރުވީ 16 އަހަރުގެ މެލޭޝިޔާ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާ އަންހެނެކެވެ. އެ ދެ މީހުން މާފުށި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮށްސި 6:30 އެހާކަށްހާއިރު އެވެ. އެ ހާދިސާގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އެކްސިޑެންޓު ހިނގި ވަގުތު ޑައިވިން ދޯނީގައި ހަ މީހަކު ތިއްބެވެ. އަދި ލޯންޗުގައި ހަތަރު މީހަކު ތިއްބެވެ.
އެ ހާދިސާގައި މަރުވި ދެ މީހުން ފިޔަވައި އެހެން ބަޔަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.