19 Dec 2015, 20:28
ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ނެދަލޭންޑްގެ ކުރީގެ ކޯޗް ގޫސް ހިޑިންކް ހަމަޖައްސައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗެލްސީގެ ކޯޗުގެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ އެ މަގާމުން ވަކިކުރުމަށް ފަހު އެ ޓީމުގެ ކޯޗްކަމުގެ މަގާމަށް ހިޑިންކް މިއަދު ހަމަޖައްސައި އެކަން އާންމުކޮށް އެންގުމަށް އެ ކުލަބުން ވަނީ ބަޔާނެއް ނެރަފައެވެ.
ސީޒަނުގެ ނިޔަލަށް ހިޑިންކް ޗެލްސީގެ ކޯޗު ކަމަށް އައްޔަނު ކުރިއިރު އެ ކުލަބް މިވަގުތު އޮތީ ލީގުގައި ކުޅުނު 16 މެޗުން 15 ޕޮއިންޓް ލިބިގެން ތާވަލުގެ 16 ވަނާގަ އެވެ. ހިޑިންކް ބުނީ ޗެލްސީ މިވަގުތު އޮތީ އެންމެ ރަނގަޅު ހިސާބުގައި ނޫން ކަން އޭނާ ވެސް ގަބޫލު ކުރާ ކަމަށާއި އެންމެން ގުޅިގެން މަސަތްކަތް ކޮށްފިނަމަ އެ އަދަވަޅުން ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރެއިން ކުލަބެއްގެ ކޯޗް ކަމާ ހަވާލުވުމުން އަހަރެން މިހުރީ ހިތްހަމަ ޖެހިގެން. އަހަރެންގެ އެންމެ ބޮޑު އެއް މަސަތްކަތެއްގެ ގޮތުގައި ދެކިގެން ކުރާނެ ކަމަކީ ކުޅުންތެރިންނާއި މެނޭޖުމަންޓާއި ގުޅިގެން ރަނގަޅު ނަތީޖާއެއް ނެރި ސަޕޯޓަރުން އުފާ ކޮށްދިނުން،" ހިޑިންކް ބުންޏެވެ.
އުމުރުން 69 އަހަރުގެ ހިޑިންކް މީގެ ކުރިން ވެސް ވަނީ ދުވަސް ކޮޅަކު ޗެލްސީގެ ކޯޗްގެ މަގާމް އަދާކޮށްފައެވެ. އެއީ 2009 ވަނަ އަހަރުގެ ސީޒަނުގައި އެ ކުލަބުގެ ކޯޗްގެ މަގާމުގައި ހުރި ލުއިސް ފިލިޕް ސްކޮލާރީ އެ މަގާމުން ވަކިކުރުމުންނެވެ. އެފަހަރު ހިޑިންކް ވަނީ ޗެލްސީއަށް އެފްއޭ ކަޕް ވެސް ހޯދައިދީފަ އެވެ.
ޗެލްސީގެ ކޯޗް ކަމާ ހިޑިންކް މިއަދު ހަވާލުވި ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ކުޅެވޭ ފުރަތަމަ މެޗަކަށް ވެގެންދާނީ ލީގުގައި އަންނަ ހޮނިހިރު ދުވަހު ވެޓްފޯޑްއާ ދެކޮޅަށް ކުޅޭ މެޗެވެ.
މިރޭ ޗެލްސީ ސަންޑަލޭންޑާއި ދެކޮޅަށް ކުޅޭ މެޗްގައި އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ސްޓީވް ހޯލެންޑެވެ.