ދިވެހި ނޫސްވެރިންނަށް އެ ދާއިރާ އިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ދެ ވަނަ ފުރުސަތެއް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން [އެމްޖޭއޭ] އިން ހޯދައިދީ އެކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފި އެވެ.

އެ ޖަމިއްޔާ އިން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންޑިޔާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް ސްކޫލްގައި ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތަޢުލީމު ހާސިލް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 30ގެ ކުރިން އެމްޖޭއޭ އަށް މެއިލް ކުރުމަށެވެ.

ސާފް މަދަންޖީތުސިން ފައުންޑޭޝަނުން ލިބިފައިވާ އެ ފުރުސަތުގައި ފޮނުވާ ދަރިވަރަށް ކިޔެވޭނީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރަށް ކަމަށް އެމްޖޭއޭ ބުނެ އެވެ.

އެމްޖޭއޭ އިން ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތަޢުލީމު ހާސިލްކުރުމަށް ޓަކައި ދެ ދަރިވަރަކު މިދިޔަ އަހަރު ވެސް އިންޑިޔާ އަށް ފޮނުވައިފަ އެވެ.