19 Dec 2015, 16:55
ނިއުދިއްލީ (ޑިސެމްބަރ 19): ގާނޫނާއި ޙީލާފަށް ނޫހެއް ގަތް ކަމުގެ ދައުވާގައި މިއަދު ކޯޓަށް ހާޒިރު ކުރި އިންޑިއާގެ ކޮންގްރެސް ޕާޓީގެ ދެ ލީޑަރުން ކަމަށްވާ ސޯނިއާ ގާނދީ އާއި ދަރިފުޅު، ރާހުލް ގާނދީ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ވިހިވަރަކަށް މިނިޓަށް ކުރިއަށް ދިޔަ ކޯޓު އަޑުއެހުމަށްފަހު ސޯނިއާ އާއި ރާހުލް ގާނދީ ދޫކޮށްލާފައި ވަނީ ކަފާލާތުގެ ގޮތުގައި 1،066 ޑޮލަރު (50،000 ރުޕީސް) ދެއްކުމުން ކަމަށް ސޯނިއާ އާއި ރާހުލްގެ ވަކީލު ވިދާޅުވި އެވެ.
އަދި އެ މައްސަލައާ ގުޅިގެން ދެ ވަނަ ކޯޓު އަޑު އެހުމެއް ބާއްވާން ހަމަޖެހިފައި ވަނީ ފެބްރުއަރީ 10ގައި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ސޯނިއާ އާއި ރާހުލް ގާނދީ ކޯޓަށް ހާޒިރު ކުރީ 2010 ވަނަ އަހަރު އެ ޕާޓީ އިން ނޭޝަނަލް ހެރަލްޑް ނޫސް ގަވާއިދާ ޚިލާފަށް ގަނެފައިވާ ކަމަށް ބުނެ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މައުލޫމާތު: ހިންދުސްތާން ޓައިމްސް