19 Dec 2015, 17:18
އެއް ރޭގެ މަތިން މިހާތަނަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި "ހެރީ ޕޮޓާ"ގެ ރެކޯޑު "ސްޓާވޯޒް: ދަ ފޯސް އެވޭކެންސް" މުގުރާލައިފި އެވެ.
މިހާތަނަށް އެމެރިކާގެ ބޮކްސް އޮފީހުގައި އެއްރޭގެ މަތިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައި ވަނީ މަޝްހޫރު ހެރީ ޕްޓާ ފްރެންޗައިޒްގެ ފަހު ފިލްމު ކަމަށްވަ "ދަ ޑެތުލީ ހޮލޯސް: ޕާޓް 2" އެވެ.
އެ ފިލްމު ވަނީ އެއް ރޭގެ މަތިން އެމެރިކާގެ ބޮކްސް އޮފީހުގައި 43.5 މިލިއަން ޑޮލަރު ހޯދާފަ އެވެ. އެއަށްފަހު އެ އަދަދާ ކައިރި ކުރާ ވަރުގެ އާމްދަނީއެއް އެއްވެސް ފިލްމަކަށް ނުލިބެއެވެ. ނަމަވެސް ދަ ފޯސް އެވޭކެންސް އިން އެ ރިކޯޑު މުގުރާލާފައި ވަނީ އެއް ރޭގެ މަތިން 57 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެންނެވެ.
ފޯސް އެވޭކެންސް އިން ދަނީ ގިނަ ރެކޯޑުތަކެއް މުގުރަމުންނެވެ. އެގޮތުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިން ދުވަސް ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފިލްމުގެ ރެކޯޑު ވެސް ފޯސް އެވޭކެންސް އިން މުގުރާލާނެެ އެވެ.
ތިން ދުވަސް ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު މުގުރާލާފައި ވަނީ ސައިންސް ފިކްޝަން އަދި ޑިސްޓޯޕިއާ ފިލްމް "ޖުރެސިކް ވޯލްޑް" އިންނެވެ. އެ ފިލްމު ވަނީ ތިން ދުވަސް ތެރޭގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ.
ފޯސް އެވޭކެންސް އަކީ ސްޓާވޯޒްގެ "އެޕިސޯޑް 3: ރިވެންޖް އޮފް ސިތު" ނެރުން ފަހުން ނެރުނު ފިލްމެވެ. ފޯސް އެވޭކެންސްގެ ކުރިން އެންމެ ފަހުން ނެރުނު އެ ފިލްމު ރިލީޒް ކޮށްފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.