މެލޭޝިއާގައި ކޭމްޕް ކޮށްގެން ތަމްރީން ހަދަމުންދާ ރާއްޖޭގެ ގައުމީ ޓީމް ކުޅުނު ފަހު މެޗުން މޮޅިވިއިރު މާދަމާ ކޭމްޕް ނިންމާލުމަށް ފަހު ރާއްޖެއަންނާނެ އެވެ.

ސާފް ސުޒުކީ ކަޕަށް އިތުރު ތަމްރީންތަށް ހެދުމަށް މޭލޭޝިއާއަށް މި މަހުގެ 13 ވަނަ ދުވަހު ފުރި ރާއްޖޭގެ ގައުމީ ޓީމު ވަނީ އެ ގައުމުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޔޫއައިޓީއެމް އަތުން 5-2 ލަނޑުން ބަލިވިއިރު ދެވަނަ މެޗުން މެލޭޝިއާގެ އެއާ އޭޝިއާ އެފްސީ އަތުން މޮޅުވީ 2-0 ލަނޑުންނެވެ. އަދި ތިން ވަނަ މެޗުގައި ޕީޑީއާރްއެމް އަތުން މޮޅުވީ 3-2 ލަނޑުންނެވެ.

ފަހު މެޗްގައި ހެނދުނު މެލޭޝިއާގެ އެފްއޭއެމް ލީގުގެ ޔޫކޭއެމް އެފްސީ އަތުން ރާއްޖޭގެ ގައުމީ ޓީމު މޮޅުވެފައި ވަނީ 4-2 ލަނޑުންނެވެ.

އެ މެޗުގައި ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ދެ ލަނޑު ޖެހީ އަސަދުﷲ އަބްދުﷲ އާއި ޔަސްފާދު ހަބީބް އެވެ. މިމެޗުގައި ދަގަނޑޭ އާއި އަސަދުﷲ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ. އެހެން މެޗް ތަކާއި އެއް ގޮތަށް މިއަދުގެ މެޗްގައި ވެސް ގައުމީ ކޯޗް ރިކީ ހާބަޓް ވަނީ ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދީފައެވެ.

ތަމްރީންތައް ނިއްމާލުމަށް ފަހު މާދަމާ ގައުމީ ޓީމް ރާއްޖެ އަންނައިރު 21 ވަނަ ދުވަހު ރަސްމީ ބޯޅަ ދަނޑުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ފަހު ފައިނަލް ސްކޮޑާއެކު 22 ވަނަ ދުވަހު ގައުމީ ޓީމް ޓްރެވެންޑްރަމް އަށް ފުރާނެ އެވެ.

މީގެ ކުރިން ހާބަޓް ބުނީ ތަމްރީންތަކުގައި މި ކުޅޭ މެޗްތަކުގެ ބޭނުމަކީ މޮޅުވުން ނޫން ކަމަށާއި ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވީ ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ނަތީޖާ ނެރެން ޖެހޭނީ މިމަހުގެ 24ގައި ސާފް ސުޒުކީ ކަޕްގައި ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށް ވެސް ކޯޗް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ކޭމްޕްކޮށް މެޗްތައް ކުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ތަމްރީންތަކުގައި ކިޔައިދީފައި ހުރި އެއްޗިހި ބޭނުން ކުރުން ކަމަށާއި ގިނަ ކުޅުންތެރިންތަކެއް ގެނައީ ވެސް އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއް ހޯދައިދޭން ކަމަށެވެ.