ރާއްޖޭގައި ފިލްމެއް ނަގަން އުޅެނިކޮށް ހުއްޓުވައި ޑީޕޯޓްކޮށް ފުރުވައިލި މީހުން ކުރި މަސައްކަތާ ބެހޭ ތަފުސީލު އެމީހުން ހާމަކޮށްފި އެވެ.

ޖަރުމަނުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އެއް ކަމަށްވާ އޭއާރްޑީ އިން ރާއްޖޭގައި އުފައްދަމުން ދިޔަ ޑޮކިއުމެންޓްރީ ފިލްމަށް އެމީހުން ދީފައިވާ ނަމުގެ މާނައަކީ " ޓެރަރިސްޓުންގެ ވަޒަނުގެ ގޮތުގައި ސުވަރުގެ" އެވެ.

އެ ނަމުގައި އެމީހުން ހަދަން އުޅުނު ފިލްމަކީ އެމީހުން ބުނެފައިވާ ގޮތުގައި އައި އެސް އިން ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާ ބެހޭ ގޮތުން ހަދަން އުޅުނު ދިރާސާއެކެވެ.

ރާއްޖޭގައި ކުރި މަސައްކަތާ ބެހޭ ގޮތުން އެމީހުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި "އިސްލާމިޒަމް" ދަނީ ވަރުގަދަވަމުންނެވެ. އަދި ރާއްޖޭގެ 200 މީހުން ވަނީ އައިއެސްއާ ގުޅިފަ އެވެ. އަދި އާބާދީގެ ނިސްބަތުން އައިއެސްގެ ސަޕޯޓަރުން އެންމެ ގިނަ ގައުމަކީ ރާއްޖެ އެވެ.

ފިލްމު ހަދަން އުޅުނު މީހުން އާއްމުކޮށްފައިވާ ޓުރެއިލާގައި ބުރުގާ އަޅައިގެން ތިބި ދިވެހި އަންހެނުންނާއި ފުރުގާން މިސްކިތުގައި މީހުން ނަމާދު ކުރާ މަންޒަރު ދައްކައެވެ. އަދި "ބިކިނީގައި އުޅުން މަނާކަން އެނގުމަށް" ރާއްޖޭގެ ރަށެއްގައި ބަހައްޓާފައިވާ ބޯޑެއް ވެސް ދައްކަ އެވެ.

ފިލްމު ހަދަން އުޅުނު މީހުން ހާމަކޮށްފައިވާ ގޮތުގައި އެކަމުގައި އިސްކޮށް އުޅުނު މާކަސް ސްޕެއިކާ ރާއްޖޭން ޑީޕޯޓްކޮށްލާފައި ވަނީ 10 އަހަރު ދުވަހަށެވެ.

ރާއްޖެއަކީ ނުރައްކާތެރި ތަނެއް ކަމަށް ދައްކަން އެ ޑޮކިއުމެންޓްރީ އުފެއްދުމުގެ މަސައްކަތް ކޮށްފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އޭއާރްޑީގެ އޮފީހުންނެވެ.