ބޭރުގެ ބައެއް ގައުމުތަކުގެ މަސްލަހަތުތައް ކުރިއެރުވުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމާޒަކަށް ވާންވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެ ޕާޓީއިން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ބަވަނަ ވެފައިވާ ދުނިޔޭގައި ގައުމުތަކުގައި ސަލާމަތާއި އިގްތިސާދީ ކުރިއެރުން ބިނާވެގެންވާ އެންމެ މުހިއްމު އެއް ރުކުރަނީ ހާރިޖީ ސިޔާސަތެެވެ.

"...ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މިކަމުގެ މުހިއްމުކަން އިތުރަށް ބޮޑުވެފައިވާތީ، ސަލާމަތީ ގޮތުން ދިމާވެދާވެ ގޮންޖެހުންތަކުންނާއި މެދުވެރިވެދާނެ އިގްތިސާދީ ކާރިސާއަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަތުކާރަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެއާ މެދު އުފެދިފައިވާ ނުތަނަވަސްކަން ސީދާ ގޮތުން ގުޅެނީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅިފައިވާ މަައްސަލައަކަށް ކަމަށެވެ.

"އަދި މި މައްސަލައަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް މައްސަލައަށް ވީ ހިނދު، އިސްލާމްދީން ވާޖިބު ކުރާފަދަ އަދުލުވެރި، އިންސާފުވެރި، އަބުރުވެރި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މިނިވަން ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ދިވެހި ސަރުކާރަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އަދާލަތު ޕާޓީން އަބަދުވެސް ގޮވަލަމުން އަންނަ ގޮވާލުން ތަކުރާރު ކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެެވެ.

ސަރުކާރުގެ ވިސްނުން ބަދަލުކޮށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދިވެހިރާއްޖެ އާއި ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހި ސަރުކާރުގެ ގޮތްދޫ ނުކުރުމާއި، ހާރިޖީ ސިޔާސަތެއް ނެތުމުގެ ސަބަބުން، ބައިނަލް އަގްވާމީ މުޖުތަމައުގައި އެކަހެރިވަމުން އަންނަ ކަމަށްބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދިވެހި ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި ސަރުކާރާއެކު މަޝްވަރާކޮށްގެން އެއްބަސް ވެވޭ ހައްލެއް ހޯދުމަށް އެ ޕާޓީން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.