މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓުރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މި މަހުގެ އެއްވަނަ ދުވަހު ފެށި "ކަށަވަރު ޕްރޮމޯ"ގައި އެ އެކުންފުނިން ޑިސްކައުންޓުތަކާ އެކު ވިއްކަމުން އަންނަ އިންޖީނާއީ އެހެނިހެން ތަކެތި ދައްކާލުމުގެ ގޮތުން މައުރަޒެއް ބާއްވައިފި އެވެ.

ނޯތު ހާބަރުގައި މިއަދު ކުރިއަށް ދިޔަ މައުރަޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އޮފިޝަލެއް ކަމަށްވާ ސާމިހް ޝެހެނާޒް ވިދާޅުވީ މިމަހު އެކެއްގައި ފެށި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތެއް ހޮވާ ކަމަށާއި ފުރަތަމަ ދެ ހަފްތާގެ ނަސީބުވެރިން މިހާރު ހޮވާފައިވާ ކަމަށެވެ.

"ދެ ހަފްތާގެ ނަސީބުވެރިން ހޮވާފައިވާނީ. އެހެން ނަމަވެސް އަދިވެސް އިތުރު ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ،" އޭނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މައުރަޒުގައި އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ހިމެނޭ ތަކެތީގެ ތެރެއިން އިނާމަށް ލިބޭ ތަކެތި ވަނީ ދައްކާލާފައެވެ.

ކަށަވަރު ޕްރޮމޯ ޕްރޮމޯޓު ކުރުމަށް ބޭއްވި މައުރަޒުގެ ތެރެއިން: ސާމިހް ޝެހެނާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އޭނާ ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް 5000 ރުފިޔާ އިން މަތީގެ ވިޔަފާރިކުރައްވާ ފަރާތްކުގެ މެދުގައި ނަގާ ލަކީޑްރޯއަކުން ނަސީބުވެރި ފަރާތަކަށް 2.5 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއްލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީން ވިއްކަމުންގެންދާ ހުރިހާ މުދަލަކުން ލިބޭ ޚާއްސަ ޑިސްކައުންޓްތަކުގެ ތެރޭގައި ސުޒުކީ އިންޖީނުގެ ތަފާތު މޮޑެލްތަކުން 1500 ރުފިޔާ އިން ފެށިގެން 14000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. އަދި ކާސްޓްރޯލް އަޑީތެލުން ތިން ޕަސެންޓާއި ހަޕަސެންޓާ ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ލިބެއެވެ.

އޭގެ އިތުރުން ސިގްމާ މެރިން ޕެރިންޓުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭއިރު ޔަންމާ އަދި ސުޒުކީ ސްޕެއާ ޕާޓުތަކުން އަށް ޕަސެންޓުގެ ޑިސްކައުންޓެއް ލިބެއެވެ. އަދި އިންޑަސްޓްރިއަލް ގޭސް އިން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މިމަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ އެޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި މުޅި ޕްރޮމޯޝަނުން ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ "ކަށަވަރު ގިފްޓް ވައުޗާ" އެއް ލިބޭނެ ކަމަށާއި އެހެންކަމުން އެ ކަސްޓަމަރަކަށް 50،000 ރުފިޔާ ހަމަވަންދެން ކަށަވަރު ޝޯރޫމުން ހިލޭ ވިޔަފާރިކުރެވޭނެ ކަމަށް ޝާމިހް ވިދާޅުވިއެވެ.