ރާމަﷲ (ޑިސެމްބަރު 19) : އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި މީގެ ތެރެއިން ދެ ޒުވާނުން ޝަހީދުކޮށްލާފައި ވަނީ އިއްޔެ އެވެ. އަނެއް ޒުވާނާ ޝަހީދުކޮށްލާފައި ވަނީ މިއަދު ހެނދުނުގަ އެވެ. މި ތިން ޒުވާނުންވެސް ޝަހީދު ކޮށްލާފައި ވަނީ އެމީހުންގެ ބޮލަށް ބަޑިޖަހައިގެންނެވެ. މީގެ ތެރެއިން އިސްރާއީލު ސިފައިން ބަޑިޖަހައި މިއަދު ޝަހީދު ކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ޖަމާލް އުސްފޫރެވެ. އޭނާއަކީ ތިން ކުދިންގެ ބައްޕައެކެވެ.

ފަލަސްތީނުގެ ސަރުކާރުން ވަނީ އިސްރާއީލުގެ މިޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އިސްރާއީލުގެ އިސްތިއްމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ޒުވާނުން އިއްޔެއާއި މިއަދު ރާމަﷲ ގެ އުތުރުގައި ހަރަކާތްތެރިވަމުންނެވެ. މި ޒުވާނުންގެ ތެރެއަށް އިސްރާއީލު ސިފައިން އިއްޔެ ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދުކޮށްލީ އިސްރާއީލު ސިފައިންނަށް އެއްވެސް ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

މިއަދު އިސްރާއީލުން ޝަހީދުކޮށްލި އުމުރުން 29 އަހަރުގެ ޖަމާލް އުސްފޫރަކީ ފަލަސްތީނުގެ ޒުވާނުން އިސްރާއީލާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި އެއްވެސް ވަރަކަށް ބައިވެރިވި ޒުވާނެއް ނޫންކަމަށާއި އޭނާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހީ ރާމަﷲގެ އުތުރުގެ ސަރަހައްދަކުން ހިނގާފައި ދަނިކޮށް ކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ ހަރުކަށި އަނިޔާވެރި އިސްތިޢްމާރީ ބާރެކެވެ. އިސްރާއީލުގެ ކިބައިން މިނިވަންވުމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުން ހިންގަމުން ގެންދާ މިނިވަންކަމުގެ ޙަރަކާތްތައް އިސްރާއީލުން މައިތިރި ކުރަނީ އަނިޔާވެރިކަމާއި ހަރުކަށިކަން ކުރިޔަށް ނެރެގެންނެވެ. މީގެ ދެމަސްކުރިން ފެށިގެން ފަލަސްތީނުގެ ޒުވާނުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އުތުރު އެރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.

މިހަރަކާތްތައް ފެށުނީ އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގޯނާކޮށް އެ މުގައްދަސް ބިނާއަށް ހައްދު ފަހަނަޅާފައިވާ ޔަހޫދީން ވައްދައިގެން އެތަނުގެ ޙުރްމަތް ކަނޑަން ފެށުމުންނެވެ. މިކަމާދެކޮޅަށް ފަލަސްތީނުގެ ޒުވާނުން ފެށި އުތުރިއެރުމުގައި ފާއިތުވި ދެމަސްތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 300 އަށް ވުރެ ގިނަމީހުން ޒަޚަމްކޮށް ހާހެއްހާ މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަލަސްތީނުގެ މިއުތުރި އެރުމުގެ ސަބަބުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ކުރަމުން ގެންދިޔަ ގޯނާތައް ވަގުތީ ގޮތުން ނަމަވެސް އިސްރާއީލުންވަނީ ހުއްޓާލާފައެވެ.
މިއީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނަށް ލިބިގެން ދިޔަ ކާމީޔާބީއެއްކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)