19 Dec 2015, 13:11
އައްޑޫ ސިޓީ މީދޫގެ ސަރަހައްދަކަށް ބޮޑުމަހެއްގެ ބޮލާވީ ހިސާބުން ބައެއް ލައްގައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީގެ މީހަކު ބުނީ މީދޫގައި އަލަށް ބިން ހިއްކި ސަރަހައްދަށް ބޮޑުމަހެއްގެ ބޯ ލައްގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"އޭތި ލައްގާފައި އޮތީ މީދޫގައި އަލަށް ބިން ހިއްކި ސަރަހައްދުގައި. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން އެ ލައްގާފައި އެ ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި. ހަމަ ގައިމު ވެސް އިއްޔެ އިރު އޮއްސުން އިރަކު އެޔެއް ނެތް،" އޭނާ ބުންޏެވެ.
އޭނާ ބުނީ މަހުގެ ބޮލުގެ ބައެއް ލައްގާފައިވާ އިރު އެ އޮތީ ވަރަށް ބޮޑަށް ކުނި ވެފައި ކަމަށެވެ. އެގޮތުން އެ މަހުގެ ބޮލުން ތަންކޮޅުކޮޅު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
މައުލޫމާތު ދިން އިތުރު މީހަކު ބުނި ގޮތުގައި ލައްގާފައިވާ ބޯ ނައްތާލުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.
"ފުލުހުންނާއި އެމްއެންޑީއެފް އަދި މީދޫގެ ރައްޔިތުން ވެގެން އެ ބޯ ނައްތާލުމުގެ މަސައްކަތް ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އެބަދޭ. އެކަމު ނޭނގެ އަދި ކިހިނެއް ކަމެއް ހަދަނީ އެ ބޮލަށް،" އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ލައްގާފައިވަނީ "ސްޕާމް ވޭލް" އެއްގެ ބޮލެކެވެ.