ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހަައްޔަރު ކުރުމަށް ފަހު އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިއު، އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބްލެޓް ސައިޒުގެ 43 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ހައްޔަރު ކުރި 19 އަހަރުގެ މީހާ އަކީ ޓެރަރިޒަމްގެ އިތުރުން ވައްކަމުގެ މައްސަލައިގެ ރިކޯޑްވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.