19 Dec 2015, 12:34
ކުރީގެ ނޫސްވެރިޔާ، އަދި ލިޔުންތެރިޔާ، މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ރާއްޖެ އާއި މަލިކުގެ ގުޅުމާ މެދު ލިޔުއްވި ތާރީހީ އަދި ލޯބީގެ ވާހަކަ "މަލިކު ބީފާން"ގެ 500 ކޮޕީ މަލިކު މީހަކު ގަނެފި އެވެ.
މަލިކު ބީފާނުގެ 500 ކޮޕީ ގަތީ މަލިކު ނައިބު އިބްރާހިމް މަނިކުފާނެވެ. އެކަމާ ގުޅޭ ގޮތުން ސަލީމު މިއަދު 'ސަން' އަށް ވިދާޅުވީ މީގެ ކުރިން ވެސް އެ ފޮތް ކިއުމަށް މަލިކުގެ ގިނަ ބަޔަކު ޝައުގެވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެފޮތަކީ މަލިކު މީހުން ގަޔާވާ ލޯބީގެ ވާހަކަ އަކަށް ވާނެކަން ރިސާޗު ހަދަމުން ދިޔަ އިރު ވެސް އެނގުނު ކަމަށް ސަލީމު ވިދާޅުވި އެވެ.
"ފޮތް ބައްލަވައިގެން ނައިބު އިބްރާހިމް މަނިކުފާނަކީ ރިސާޗުތަކުގައި ވެސް އަޅުގަނޑަށް ވަރަށް އެހީތެރިކަން ދިން ބޭފުޅެއް. އޭނާ މިކަމާ ގުޅުން ހުރި މީހުންނާ އަޅުގަނޑާ ބައްދަލުކޮށްދިނީ. އޭރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރިކަން އެނގޭ،" ސަލީމް ވިދާޅުވި އެވެ.
ޑިސެމްބަރު 7، 2015: ހޯރަފުށީ ސަލީމްގެ ވާހަކަ "މަލިކު ބީފާނު" ފޮތް ނެރުމަށް އިމާދުއްދީން ސްކޫލް ހޯލުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
މަލިކު ނައިބު އިބްރާހިމް މަނިކުފާނަކީ މަލިކުގެ އަދަބީ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް މަނިފާނު ބުނެފައި ވަނީ ދިވެހިބަހުން ލިޔެފައި އޮންނަ ލޯބީގެ ވާހަކައެއް މަލިކުގައި ނޯންނަ ކަމަށާއި މަލިކު ބީފާނު އެފޮތަކީ މަލިކު މީހުން ވަރަށް ގަޔާވާނެ ފޮތެއް ކަމަށެވެ.
ސަލީމު ފާހަގަކުރި ގޮތުން މަލިކު މީހުންނަކީ އެފަދަ ލޯބީގެ ވާހަކަތަކަށް ވަރަށް ޝައުގުވެރިކަން ހުރި ބައެކެވެ. މަލިކު ބީފާނު ލިއުމުގައި 150 މީހުންގެ އެހީތެރިކަން ސަލީމު ވަނީ ހޯއްދަވައިފަ އެވެ. ފޮތް ނެރުއްވާފައި ވަނީ ލިއުއްވަން ފެއްޓެވިތާ ހަތަރު އަަހަރު ފަހުންނެވެ.
މަލިކު ބީފާނަކީ، ތުރާކުނުގައި އުޅުމަށް ފަހު މަލިކަށް ހިޖުރަކުރި ބީފާނާއި ތުރާކުނު އިބްރާހިމްއާ ދެމެދު އުފެދުނު ލޯބީގެ ގުޅުމަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.