19 Dec 2015, 13:05
ބައެއް ކުދިން ކެއުމާ ދުރުހެލިވާ އިރު، އަނެއް ބައި ކުދިންނަކީ ކެއުމަށް ލޯބި ކުރާ ކުދިންނެވެ. އެފަދަ ކުދިންނަށް ކެއުމަށް ޖެހިފާ ލޯތްބެއްގެ ބޮޑުކަމުން، މާގިނައިން ކެވި، އުމުރާ ނުގުޅޭ މިންވަރަށް ފަލަވާން މެދުވެރިވެ އެވެ.
އެގޮތުން މީރު ކާ އެއްޗެއް ލިބުމުން ވިސްނާލުމެއްނެތި އަވަސް އަވަހަށް ކެވެއެވެ. އަވަސް އަވަހަށް ކެއުމަކީ ފަލަވާން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އަވަސް އަވަހަށް ކެއުމުން ބަނޑު ފުރޭ ކަމުގެ އިހުސާސް ކުރުވަނީ ވަރަށް ލަހުންނެވެ. މާ ގިނައިން ކެވި ހޮޑުލެވޭ ހިސާބަށް ދިއުމުންނެވެ.
އުމުރާ ނުގުޅޭ މިންވަރަށް ފަލަވުމަކީ ތަފާތު ނުރައްކާތެރި ބަލިތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ. އެހެންކަމުން އެ ކުދިންގެ ބަރުދަން ލުއި ކުރާނެ ގޮތަކާ މެދު ބެލެނިވެރިން ފިކުރު ކުރަން ޖެހޭ ފަހަރު މަދެއް ނޫނެވެ.

ބަރުދަން ލުއި ކުރުމަށް ކަމަށް ބުނެ، ކުޑަ ކުއްޖާގެ ކެއުން މަދުކޮށް ނުވަތަ އެ ކުއްޖާ އަށް މީރު ކާނާ ކާން ނުދީ ބެހެއްޓުމަކީ ބެލެނެރިވެރިން ވަރަށް ހިތްދަތި ވާކެމެކެވެ. އެފަދަ ކުދިން ކާން ބޭނުންވާ ކާ އެއްޗެއް ނުލިބުމުން ދެރަވެ ރޯ މަންޒަރު ބަލަން ހުރުމަކީ އެއްވެސް ބެލެނިވެރިއެއްގެ ލަގޮނޑިއަށް ކެތްވާ ވަރުގެ ކަމެއްވެސް ނޫނެވެ.
ނަތީޖާއެެއްގެ ގޮތުން ހުރިހާ ކަމެއް ވަރިހަމަކޮށް ދަރިފުޅަށް މީރުހާ ކާނާ، ކާން ބޭނުންވާ މިންވަރަކަށް ކާން ދެވެ އެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާ އަކަށް ވިސްނުމެއް ނެތި އެވެ.
އަދި ދަރިފުޅުގެ ބަރުދަން ލުއި ކުރުމަކީ ބެލެނިވެރިޔާ އަށް ނުވާ ވަރުގެ ކަމަކަށް ވެއެވެ.
އެ މައްސަލައަށް އޮތް ހައްލަކީ ކޮބާ؟
ދަރިފުޅު ކާން ބޭނުންވާ ކާނާ ދަރިފުޅަށް ކާން ދޭށެވެ. އެހެންނަމަވެސް އެއް ކަމެއް ހަނދާނުގައު ބަހައްޓާއިގެންނެވެ.
އެއީ ދަރިފުޅަށް ލަސްލަހުން ކާން ދިނުމެވެ. ނުވަތަ ލަސްލަހުން ކެއުމަށް ދަރިފުޅަށް އާދަ ކުރުމެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި ހެދި ދިރާސާއަަކުން ދައްކާ ގޮތުގައި ދަރިފުޅަށް ލަސްލަހުން ކާން ދިނުމުން އެކުދިން އުމުރާ ނުގުޅޭ މިންވަރަށް ފަލަވުމާ ދުރުކޮށްދެ އެވެ. ލަސްލަހުން ކެއުމަކީ ކާން އެކަށީގެންވާ މިންވަރަށް ކެވުމުން، ބަނޑު ފުރިއްޖެ ކަމުގެ އިހުސާސް ކުރުވާ ކަމެކެވެ. އަދި ގިނައިން ކެއުމާ ދުރު ކުރުވާ ކަމެކެވެ.
އެ ދިރާސާގައި ބުނާ ގޮތުން ކުއްޖާ އަނގަޔަށް ކާ އެއްޗެހި ލުމަށް ފަހު ގާތްްގަނޑަކަށް 30 ސިކުންތު ވަންދެއް މަޑު ކުރުން މުހިއްމެވެ. އޭރުން ބަނޑު ފުރިއްޖެ ކަމުގެ އިހުސާސް ކުއްޖާ އަށް ކުރުވައި ގިނައިން ކެއުމާ ދުރުކޮށްދެ އެވެ.