ކޯޓަށް ހުށަނާޅާ ކައިވެނި ރުޖޫއަކުރުމަށް ފަހު، އއ. ރަސްދޫ ކޯޓަށް ހުށަހެޅުމުން އެކަން ބަލައިގަނެ ކައިވެނި ރުޖޫއަ ވެއްޖެ ކަމަށް ނިންމި މައްސަލައެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ކައިވެނި ރުޖޫއަވެއްޖެ ކަމަށް ކަނޑައަޅައި ރަސްދޫ ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އަންހެން މީހާގެ ފަރާތުންނެވެ.

ހދ. ވައިކަރަދޫ މީހަކާއި އަދި ނ. ހޮޅުދޫ މީހަކު ކުރި ކައިވެނި ރުޖޫއަ ކުރި މައްސަލަ ހައިކޯޓުން ބާތިލު ކުރުމަށް ފަހު ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލަ ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ ގޮތުން ތަބާވާން ލާޒިމްވާ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިދިއަ އަހަރު ނިންމާފައިވާ ނިންމުމެއްގައި ބުނެފައި ވަނީ ކައިވެނި ރުޖޫއަ ކުރެވޭނީ ކަމާބެހޭ ކޯޓަކަށް ހުށަހަޅައި ރެޖިސްޓްރީކޮށްގެން ކަމަށެވެ. ނަމަވެސް ރަސްދޫ ކޯޓުން ކައިވެނި ރުޖޫއަވެއްޖެ ކަމަށް ކަނޑައަޅާފައި ވަނީ ދެމަފިރިން އަމިއްލައަށް ކައިވެނި ރުޖޫއަކޮށް، އެކަން ރުޖޫއަވެއްޖެކަން ކަނޑައެޅުމަށް ހުށަހެޅުމުން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހައިކޯޓުގެ ނިންމުން

  • ދިވެހިރާއްޖޭގައި ކައިވެންޏެއް ރުޖޫއަކުރަން ވެއްޖެނަމަ އެކަން ކުރަން ޖެހޭނީ ކަމާބެހޭ ކޯޓަަކަށް ހުށަހަޅައިގެން އެކަން ރަޖިސްޓްރީކުރުމަށް ފަހުގައިކަން އަދި އެނޫންގޮތަކަށް ކުރެވޭ ރުޖޫއައަކީ ސައްހަ ރުޖޫއައެއް ކަމަށް ބެލިގެން ނުވާނެކަން ގާނޫނު ނަމްބަރު 4/2000 (އާއިލާއާ ބެހޭ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައިވާ އިބާރާތަށް ބެލުމުން އަދި އެމާއްދާއިން ހާސިލްކުރަން ބޭނުންވާ މަގްސަދަށް ބެލުމުން އެގޭކަން

އެމައްސަލަ އއ. ރަސްދޫ ކޯޓުން ބަލާފައިވާ އިރު އެމައްސަލަ އެކޯޓަށް ހުށަހަޅާފައިވާ ފިރިމީހާއަކީ ހދ. ވައިކަރަދޫ މީހެކެވެ. އަދި އަންހެންމީހާ އަކީ ނ. ހޮޅުދޫ މީހެކެވެ. ރަސްދޫ ކޯޓުގައި ދީފައިވާ ހެކިބަހުން ވަރިކޮށް ކައިވެނި ރުޖޫއަކުރީ މާލޭގައި ކަން އެނގޭ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

ނަމަވެސް ކޯޓުތަކުގެ ގާނޫނުގައި ބުނެފައި ވަނީ މައްސަލަ ބަލާ ކޯޓަކީ ދައުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުއްނަ ދާއިރާގެ ކޯޓަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން މައްސަލަައިގެ ބާވަތާއީ ސަރަހައްދީ ގޮތުން ބެލިއަސް އެމައްސަލަ ބެލުމުގެ އިހްތިސާސް އއ. ރަސްދޫކޯޓަށް ލިބިގެން ނުވާ ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

ރަސްދޫ ކޯޓުން އެމައްސަލަ ނިންމާފައި ވަނީ އަންހެން މީހާގެ އެއްވެސް ބަހެއް ނެތި، އޭނާއަށް ނޭންގިކަން އޭނާގެ ފަރާތުން އެއްވެސް ކޯޓެއްގައި ބަޔާން ދީފައި ނުވުމުން އެނގޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އެމައްސަލަ ބާތިލުކުރުމަށް ނިންމާފައި ވަނީ ހައިކޯޓުގައި އެ މައްސަލަ ބެލި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.