ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕެންޝަން ސްކީމުން އިސްތިސްނާ ކުރުމުގެ ބިލު ތަޅުމުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން ތިއްބެވި، 76 މެންބަރުންގެ ތެރެއިން 41 މެންބަރުން ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯތު ދެއްވީ 29 މެންބަރުންނެވެ.

މި ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މެންބަރުންގެ އެ ނިންމެވުމުގެ ސަބަބުން ޕެންޝަން އެޑްމިނިސްޓްރޭޝަނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ދޭތެރޭގައި އުފެދިފައިވާ ސުވާލުތަކަށް މެންބަރުންދިން ޖަވާބު އެނގިގެންދިޔައީ ކަމަށެވެ. އެހެންކަމުން ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުމަށް ވެސް ޝާހިދު އެދިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕެންޝަން ސްކީމުން އިސްތިސްނާ ކުރުމަށް ހުށަހެޅި އިސްލާހަކީ، މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ.

އެ އިސްލާހް ހުށަޅުއްވަމުން ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވިދާޅުވީ، ދައުލަތުގެ އެހެން މުވައްޒިފުންނެކޭ ވެސް އެއްފަދައިން ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި މަޖިލީހުގެ މެންބަރުން ބައިވެރި ވުމަށް ޕެންޝަން އޮފީހުން އެންގުމުން، މާލިއްޔަތު ކޮމެޓީގައި މަޝްވަރާ ކުރުމުން، ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކޮށްފައި ތިއްބަވާ ބޭފުޅުންނާއި އެހެން ގާނޫނެއްގެ ދަށުން ޕެންޝަން ލިބޭ ފަރާތްތައް ޕެންޝަން ސްކީމުން އިސްތިސްނާ ކުރަން ކޮމިޓީއަށް ފެނިފައިވާ ކަމަށެވެ. އަދި ޕެންޝަން ސްކީމުގައި ބައިވެރިވުން ލާޒިމު ކުރަނީ ދައުލަރުގެ ހުރިހާ މުވައްޒިފުން ކަމަށްވާ އިރު މެންބަރުންނަކީ މުވައްޒިފުންކަމަށްނުވާތީ، އެ ސްކީމުން މެންބަރުން އިސްތިސްނާ ކުރަން އިސްލާހު ހުށަހެޅުއްވީ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.

އެ އިސްލާހުގެ ބަހުސް މަޖިލީހުގައި ކުރިއަށްދިޔައިރު ގިނަ މެންބަރުންތަކެއް އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ. އަދި އެއީ ތާއީދު ކުރައްވާ އިސްލާހެއް ނޫން ކަމަށް ވެސް ބައެއް މެންބަރުން މަޖިލީހުގައި ވަކާލާތު ކުރެއްވި އެވެ.