19 Dec 2015, 11:37
އެޕަލް ކުންފުނިން މޯބައިލް ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ނުވަތަ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް (އެޕަލް ޕޭ) އަންނަ އަހަރުގެ ފެށޭކޮޅުގައި ޗައިނާއަށް ލޯންޗު ކުރާނެ ކަމަށް އެޕަލް އިން ބުނެފި އެވެ.
އެޕަލް އިން އެ ހިދުމަތް ޗައިނާގައި ބޭނުން ކުރަން ފަށާނެ ސީދާ ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓުތަކުން އެނގޭ ގޮތުގައި އެޕަލް ޕޭ އަންނަ ފެބްރުއަރީގައި ތައާރަފު ކުރާނެ އެވެ.
މިވަގުތު އެޕަލް ޕޭގެ ހިދުމަތް ދޫކުރަނީ އެމެރިކާ އާއި އިނގިރޭސިވިލާތަށާއި ކެނެޑާ އަދި އޮސްޓްރޭލިއާ އަށެވެ.
ޗައިނާގައި އެޕަލް ޕޭގެ ހިދުމަތް ބޭނުން ކުރަން ފެށުމަށް އެޕަލް އިން ވަނީ ޗައިނާގެ ޔޫނިއަންޕޭ އާ އެއްބަސްވެފަ އެވެ. ޗައިނާ ޔޫނިއަންޕޭ އަކީ ޗައިނާގެ ސަރުކާރުން ހަމައެކަނި ގަބޫލު ކުރާ ކްރެޑިޓްކާޑް އިޝޫ ކުރާ ޖަމާއަތެވެ.
އެޕަލް ޕޭ ތައާރަފު ކުރުމާ އެކު އެ ހިދުމަތް ވާދަ ކުރަނީ އަލީބާބާގެ "އަލީޕޭ" އާއި ޓެންސެންޓްސްގެ "ވީޕޭ" އާ އެވެ. އެ ދެ ހިދުމަތަކީ ވެސް ޗައިނާގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ހިދުމަތަކެވެ.
ޗައިނާއަކީ އެމެރިކާއަށް ފަހު އެޕަލް ކުންފުނީގެ އެންމެ ބޮޑު މާކެޓް ޝެއާ އޮންނަ ގައުމެވެ. އެހެން ކަމުން އެޕަލް ޕޭއަށް ޗައިނާގެ ފަރާތުން އެދެވިގެންވާ މަގުބޫލު ކަމެއް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.
އެޕަލް ކުންފުނީގެ ޑިވައިސްތައް ބޭނުން ކޮށްގެން ވިޔަފާރި ކުރެވޭ އެ ހިދުމަތް ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރެވެ. އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ އެޕަލްގެ އައިފޯން ސީރީޒްގެ އެސް ސިކްސް އާއެކުގަ އެވެ. އެގޮތުން އެޕަލް ޕޭ ސަޕޯޓް ކުރާނީ އައިފޯން ސިކްސް އިން މަތީގެ އުފެއްދުންތަކަށެވެ.