އައްޑޫ ސިޓީގެ ހިތަދޫ ގްރީން ފްލާވާ، އަޙުމަދު ޢަލީ ، އާއްމު ނަމުން ނަމަ އަޙުމަދު ފުތާ އަކީ މިހާރު ވެސް ޙަރަކާތްތެރިކަމާ އެކު ފަސް ވަގުތު މިސްކިތަށް ގޮސް ނަމާދު ކޮށް އުޅޭ މީހެކެވެ. އާއިލާގެ މީސްމީހުންގެ ގޭގެއަށް ޒިޔާރަތްކޮށް، ގެއިން ބޭރުގައި ވެސް އޭނާ އުޅެނީ ހަރަކާތްތެރި ދިރިއުޅުމެކެވެ. ނަމަވެސް އޭނާގެ އުމުރުން މިހާރު އެއް ގަރުނު ފަހަނަ އަޅައި ހިނގައްޖެ އެވެ.

" މާފައަށް މިހާރު 110 އަހަރާއި ހަތަރު މަސްދުވަސް ވެއްޖެ،ހާލު އިރާދަކުރެއްވިއްޔާ އަދިވެސް ހަމަ ރަނގަޅު. އަދި ވެސް ހަމަ ވާހަކަ ދައްކައި، އަސާގަނޑު ޖަހައިގެން ހިނގައި އުޅޭ،" އަޙުމަދު ފުތާ ބެލެހެއްޓުމާ ހަވާލުވެ ހުރި، އޭނާގެ އަންހެން ދަރިއެއްގެ ދަރިއެއް ކަމަށްވާ ރަޝީދާ ބުންޏެވެ.

ރަޝީދާ ބުނީ އަޙުމަދު ފުތާ އުފަންވީތާރީހެއް ކަމަށް އެނގެން އޮތީ 1905 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.

އަޙުމަދު ފުތާގެ އައިޑީކާޑު

އަހުމަދު ފުތާ ކަސްރަތު ކޮށް އުޅޭތޯ އަހައިލުމުން ރަޝީދާ ބުނީ އޭނާ ކަސްރަތު ކުރާ ކަމަށެވެ. ނަމަވެސް އޭނާ ކުރާ ކަސްރަތެއް ކަމަށް ބުނީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އެއީ ފާރުގައި އަތުން ބާރު ބާރަށް ތެޅުމެވެ.

"... ކޮންމެ ނަމާދަކަށް ފަހު ގެއަށް އައިސް ކަސްރަތުކޮށް އުޅޭނެ. އެކަމަކު ނަމާދު ކުރަނީ މިހާރު ގޮނޑީގައި އިނދެގެން، ނަމާދުން އައިސް ބިތުގައި ވަރަށް ބާރަށް ތަޅާނެ، އެއީ ކުރާ ކަސްރަތަކީ، " ރަޝީދާ ބުންޏެވެ.

އަޙުމަދު ފުތާ. މިހާރު އުމުރުން 110 އަހަރު. އަދިވެސް ހަރަކާްތެރި.