19 Dec 2015, 10:41
ނިއުޔޯކް (ޑިސެމްބަރ 19): ސާޅީސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެމެރިކާ އިން ތެޔޮ އެކްސްޕޯޓް ކުރަން އެގައުމުގެ ކޮންގްރެސްއިން އިއްޔެ ފާސްކޮށްފި އެވެ.
އެބިލަށް ތާއިދުކުރި ކޮންގްރެސް މެމްބަރުން ބުނެފައި ވަނީ އެމެރިކާއިން ތެޔޮ އެކްސްޕޯޓް ކުރަން ފެށުމުން އެގައުމުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި، އޭގެ ސަބަބުން އެމެރިކާއާ އެއްބައިވާ ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތީ ހާލަތު ވެސް ވަރުގަދަ ވާނެ ކަމަށެވެ.
"[ތެޔޮ އެކްސްޕޯޓު ކުރުން] ކުރީގައި މަނާކޮށްފައި އޮތް އޮތުން އުވާލުމުން ތެޔޮ ގަންނަ ފަރާތްތަކަށާއި އެމެރިކާގެ އިގްތިސާދަށާއި ގައުމީ ސަލާމަތަށާއި ގައުމުގެ ހަކަތައިގެ ސަލާމަތަށް ފައިދާ ކުރާނެ،" ކޮންގްރެސްގައި ނޯތްޑަކޯޓާގެ ސެނެޓާ ވިދާޅުވި އެވެ.
އެމެރިކާއިން ތެޔޮ އެކްސްޕޯޓުކުރުން ހުއްޓާލީ، އެއް އަހަރުވަންދެން އެމެރިކާއަށް ތެޔޮ ވިއްކުން އަރަބި ގައުމުތަކުން ހުއްޓާލުމުން އެމެރިކާގެ އިގްތިސާދަށް އެރި ލޮޅުމުގެ ސަބަބުންނެވެ. އެމެރިކާއަށް ތެޔޮ ވިއްކުން އަރަބި ގައުމުތަކުން ހުއްޓާލީ، އަރަބި ގައުމުތަކާއި އިސްރާއީލާ ދެމެދު 1973ގައި ހިނގި ހަނގުރާމައިގައި، އިސްރާއީލާ ވާގިވެރިވާން އެމެރިކާއިން ނިންމުމުންނެވެ.
ނަމަވެސް، އޭގެ ފަހުން 1975ގައި އެމެރިކާއިން ތެޔޮ އެކްސްޕޯޓު ކުރުން ހުއްޓާލުމަށް ފަހު އެގައުމުން ވަނީ ބޭރު ގައުމުތަކުގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެގައުމުގައި އުފައްދާ ތެލުގެ މިންވަރު އިތުރުކޮށް، އެމެރިކާގެ ތެލުގެ ސިނާއަތު ފުޅާކޮށްފައި އެވެ.
މައުލޫމާތު: އޭއެފްޕީ