ށ. ކޮމަންޑޫ މީހަކު މިއަދު ހެނދުނު މާވަހަރެއް ހޮވައިފި އެވެ.

ކޮމަންޑޫ ރަށުކައުންސިލުން ބުނީ އެރަށު ވާދީ، ޢަބުދުއް ރަޙީމް ޙަސަން ހޮވި މާވަހަރުގެ ބަރުދަނުގައި 30 ކިލޯ ހުރި ކަމަށެވެ.

ސަންއާ ވާހަކަ ދައްކަމުން ޢަބުދުއްރަޙީމް ބުނީ މާވަހަރު ހޮވުނީ މިއަދު ހެނދުނު 7.30 އެހާކަންހާއިރު ކޮމަންޑުއާ ވަރަށް ކައިރިން ކަމަށެވެ. މާވަހަރު ހޮވުނު އިރު ވަދު އަޅަން ނުކުމެ އުޅުނީ އެކަނި ކަމަށް ވެސް ބުންޏެވެ.

"... ވަދު އަޅަން ނުކުމެ އުޅެނިކޮށް ފެނުނީ. މިރަށު ބޭރު ކައިރިން ހަމަ، ހެދުނު 7.30 އެހާކަންހާއިރު އެއީ،" ޢަބުދުއްރަޙީމް ބުންޏެވެ.

އޭނާ ބުނީ ހޮވިފައި ވަނީ މާވަހަރެއްކަން ޔަގީން ކުރެވިފައިވާ ކަމަށާއި އެއީ ހުދު މާވަހަރެއް ކަމަށެވެ.

"... ބެލި އެންމެން ވެސް ބުނަނީ އެއީ މާވަހަރެކޭ. ހުދު މާވަހަރެއް ކަމަށް ބުނަނީ،" އޭނާ ބުންޏެވެ.

މާވަހަރާ މާލެއަށް ގެންނާނީ ކޮން އިރަކުންތޯ ސުވާލުކުރުމުން އޭނާ ބުނީ އެކަމާ މެދު ގޮތެއް ނިންމާނީ ދަރިން އައިމާ ކަމަށާއި ދަރިން މިހާރު އައުމުގެ މަގުމަތީގައި އުޅޭ ކަމަށެވެ.