ދުނިޔޭގެ ގިނަ ހިސާބެއްގައި މި އަހަރު އެންމެ ގިނައިން ބޭނުންކުރި އެޕްލިކޭޝަނަކަށް މަޝްހޫރު ސޯޝަލް ނެޓްވޯކް "ފޭސްބުކް" ވެއްޖެ އެވެ.

އަހަރުގެ އެންމެ މަގުބޫލު އެޕްލިކޭޝަންތައް ހޮވަނީ އެ މަހަކު އެ އެޕްލިކޭޝަންއިން އޮންލައިންވާ ވަރު ބެލުމަށްފަހުގަ އެވެ. އެމެރިކާ ފިޔަވައި އެއްވެސް އެހެން ގައުމަކުން ސީދާ އަދަދުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ފޭސްބުކް އަކީ އެންމެ ގިނައިން ބޭނުން ކުރާ އެޕްލިކޭޝަންއަށްވާ އިރު ފޭސްބުކްގައި އެއް ބިލިއަން ޔޫޒަރުން އެބަތިބި ކަމަށް ފޭސްބުކް އިން ހާމަކޮށްފައި ވަނީ މިއަހަރު އެވެ.

އެމެރިކާގެ ގިނަ ސްޓެޓިސްޓިކްސް އެއް ހަދާ "ނީލްސެން" ކުންފުނިން ވަނީ އެގައުމުގައި އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަންތައް ހާމަކޮށްފަ އެވެ.

އެގޮތުން އެއްވަނައިގައި އޮތް ފޭސްބުކް އަށް ކޮންމެ މަހަކު އެވަރެޖުކޮށް 126،702،000 ޔޫޒަރުން ލޮގިންވާ ކަމަށް ނީލްސެންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ފޭސްބުކް އަކީ މިދިޔަ އަހަރު ވެސް އެމެރިކާގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ އެޕްލިކޭޝަން އެވެެ.

މިއަހަރު ދެވަނަ އަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ "ޔޫޓިއުބް" އެވެ. ނީލްސެން އިން ބުނާ ގޮތުގައި ޔޫޓިއުބް އަށް އެވަރެޖްކޮށް މަހަކު 97،627،000 ޔޫޒަރުން ލޮގިންވެ އެވެ.

ތިންވަނައަށް އެންމެ ގިނައިން ބޭނުން ކުރާ އެޕްލިކޭޝަން އަށް "ފޭސްބުކް މެސެންޖާ"ވީ އިރު ހަތަރުވަނައަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ "ގޫގަލް ސާޗް" އެޕްލިކޭޝަން އެވެ. އެގޮތުން ފޭސްބުކް މެސެންޖާއަށް މަހެއްގެ މައްޗަށް 96،444،000 އެވްރެޖްކޮށް އެކްޓިވް ޔޫޒަރުން ލިބެ އެވެ. އަދި ގޫގަލް ސާޗް ގައި މަހެއްގެ މައްޗަށް އެވަރެޖްކޮށް 95،041،000 ޔޫޒަރުން އުޅެ އެވެ.

އެމެރިކާގައި ފަސްވަނަ އަށް އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަން އަކީ "ގޫގަލް ޕްލޭސްޓޯ"އެވެ. އެގޮތުން ޕްލޭސްޓޯއަށް މަހަކު 89،708،000 އެކްޓިވް ޔޫޒަރުން ޖެހޭ ކަމަށް ނީލްސެން އިން ވަނީ ބުނެފަ އެވެ.