19 Dec 2015, 10:06
ނިޔުޔޯކް (ޑިސެމްބަރު 19) : ސޫރިޔާގެ މައްސަލަ ހައްލު ކުރުމާބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
އެމެރިކާއާއި ރަޝިޔާ އިސްނަގައިގެން ފާސްކުރި މިގަރާރު ގޮވާލަނީ ސޫރިޔާ ސަރުކާރާއި އެގައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާ އެކު ސުލްޙައިގެ ވާހަކަތައް ދައްކައިގެން އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށެވެ. މިކަމުގައި މެދުވެރިއެއްގެ ބައި އަދާކުރާނީ އދ. އިން ސޫރިޔާއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ކަމަށް ވެސް މިގަރާރު ބުނެ އެވެ. މި ގަރާރު ފާސްކުރި އިރު ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓެވީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އެވެ. މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ އާއި ރަޝިޔާ ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާތަކެއް ކޮށްފަ އެވެ.
މިމަޝްވަރާތަކަށް ޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ރަޝިޔާއަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ އަދި ރައީސް ވްލަޑިމޭރު ޕޫޓިންއާ މިދިޔަ ހަފްތާގެ މެދެއްހާ ހިސާބު ބައްދަލުކުރައްވާފަ އެވެ. ސޫރިޔާގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ފަށައިގެން މެނުވީ އެގައުމުގެ ދާޚިލީ ހަނގުރާމައިގެ މައްސަލައަށް ހައްލެއްނެތްކަން އެމެރިކާއަށް ވެސް މިހާރު ވަނީ ގަބޫލުކުރެވެން ފަށައިފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ބައްޝާރަށް ގޮވާލައްވައިފަ އެވެ.
އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން ބައްޝާރުގެ ސަރުކާރު ވައްޓާލަން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ބައްޝާރުގެ ސަރުކާރު ގަދަބާރު ވައްޓާލެވިދާނެ ކަމުގެ އުންމީދު ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސީދާގޮތެއްގައި ވަނުމާގުޅިގެން އެމެރިކާއާއި ސައޫދީ އަރަބިޔާއަށް ވަނީ ގެއްލިފަ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ބަލައިގަންނަ ފަރާތްތަކަކީ އެގައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި އެފަރާތާ ގުޅިފައިވާ ފްރީސީރިޔަން އާމީ ޖަމާއަތެވެ. މިޖަމާއަތުގެ އިތުރުން ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ގިނަ ޖަމާއަތްތައް ބައިނަލްއަގްވާމީ މުޖްތަމައުން ދެކެނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގަ އެވެ. މީގެތެރޭގައި އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތް ހިމެނެއެވެ. ނަމަވެސް ސޫރިޔާގައި އިދިކޮޅު ބަޔަކަށް އެންމެ ބާރުގަދަ ޖަމާއަތްތަކަކީ މިދެ ޖަމާއަތެވެ.
(ނޫސްއެޖެންސީތައް)