ޓުވިޓާ މެދުވެރިކޮށް، އޭޝިއާ ސަރަހައްދުގައި ތިން ވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ މީހެއްގެ މަގާމު ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ކުރީގެ މިސް ޔުނިވާސް ޕްރިޔަންކާ ޗޯޕްރާ ހާސިލް ކޮށްފި އެވެ.

އޭނާ އަށް ޓުވިޓާ މެދުވެރިކޮށް ފޮލޯ ކުރާ މީހުންގެ އަދަދު 12 މިލިއަނަށް އަރައެވެ.

ޓުވިޓާގައި ޕްރިޔަންކާ ފޮލޯ ކުރާ މީހުންގެ އަދަދު އިތުރު ވުމާ ގުޅިގެން އޭނާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ! 12 މިލިއަން ޕީސީ މެނިއަކްސް. މިއީ ވަރަށް ބޮޑު ގުޑްލަކް ހަދިޔާއެއް. އަހަރެންގެ ހުރިހާ ވެސް އުއްމީދަކީ ތިއީ،" ޕްރިޔަންކާ ޓުވީޓުކޮށްފައިވެ އެވެ.

ޕްރިޔަންކާގެ ފޮލޯވަރުން ގިނަ ވާން މެދުވެރިވި އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ އޭނާ ހޮލީވުޑްގައި ހަރަކާތްތެރިވާން ފެށުމެވެ.

އެގޮތުން ޓުވިޓާ އިން ނެރުނު ބަޔާނެއްގައި ބުނާ ގޮތުން ޕްރިޔަންކާ އެމެރިކާގެ ޓީވީ ޝޯވް ސީރީސް، ކުއަންޓިކޯ އިން ފެނުމާ ގުޅިގެން އޭނާގެ ފޮލޯވަރުންގެ އަދަދު 50 ޕަސެންޓަށް މަތިވި އެވެ.

އޭޝިއާ ސަރަހައްދުގައި ޓުވިޓާ މެދުވެރިކޮށް ތިން ވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ މީހާގެ މަގާމު ޕްރިޔަންކާ ހާސިލް ކޮށްފައިވާ އިރު، ޓުވިޓާ މެދުވެރިކޮށް ދެވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރަނީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އަށެވެ.

އަދި މިހާތަނަށް އައި އިރު އޭޝިއާ ސަރަހައްދުން އެންމެ ގިނަ ބަޔަކު ފޮލޯ ކުރަނީ އިންޑޮނޭޝިއާގެ ލަވަކިޔުންތެރިއެއް އަދި އެކްޓަރެއް ކަމަށްވާ އެގްނެޒް މޯ އަށެވެ.