19 Dec 2015, 09:17
ތައިލޭންޑުގައި މަސްވެރިކަމުގެ ދާއިރާގައި މީހުން އަޅުވެތި ކުރަމުން ގެންދާ ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓައިނުލައިފި ނަމަ، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރުން މަނާކުރާނެ ކަމަށް އެ ޔޫނިއަން އިން ބުނެފި އެވެ.
ތައިލޭންޑުގައި މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރޭގައި އަޅު މަސްވެރިން ހަރކާތްތެރިވާކަން ހާމަވެފައި ވަނީ އެސޯސިއޭޓެޑް ޕްރެސް އިން ހިންގި ތަހުގީގަކުންނެވެ. އެ ތަހުގީގަށް ފަހު 2000 އަށް ވުރެ ގިނަ އަޅު މަސްވެރިން ވަނީ ސަލާމަތް ކޮށްފަ އެވެ.
އީޔޫގެ ފިޝަރީޒް ކޮމިޝަނަރު ކަރްމެނޫ ވެލާ ވިދާޅުވީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުމުގައި ތައިލޭންޑުން ކުރިއެރުންތަކެއް ހޯދަމުން އައި ނަމަވެސް އިންސާނުން އަޅުވެތި ކުރުމަކީ ނުބަލައި ދޫކޮށްލެވޭނެ ކަހަލަ ކަމެއް ނޫން ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގައި ވެސް، މަސްވެރިކަމުން އުފައްދާ އެކި ޕްރޮޑަކްޓްތަކުގެ ފެންވަރު ރަނގަޅުނުކޮށްފި ނަމަ މަސް އެކްސްޕޯޓް ކުރުން މަނާ ކުރާނެ ކަމުގެ އިންޒާރެއް ތައިލޭންޑަށް ވަނީ ލިބިފަ އެވެ.