މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް އަނެއްކާވެސް ޒުވާނުންތަކެއް ސޮއިކޮށްފިއެވެ.

އެޕާޓީއާ އަލަށް ގުޅުނު ޒުވާނުން ވަނީ މިރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ޕާޓީގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކައުންސިލް މެމްބަރު ހުސައިން ސާލިމާ ފޯމުތައް ހަވާލުކޮށްދެއްވާފައެވެ.

މިރޭ 150 އަށް ވުރެ ގިނަ ޒުވާނުން އެމްޑީއޭއާ ގުޅުނު ކަމަށް އެޕާޓީގެ ޔޫތު ލީގުގެ ރައީސް އަހުމަދު ރީހާން ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު މައުރޫފް ވިދާޅުވީ އެޕާޓީ އުފެދިގެން އައީ ޒުވާނުންނާއި ޒުވާނުންގެ ކުރިއެރުމާ ތަރައްގީއަށް ކަމަށެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެމްޑީއޭ އަކީ މިހާރު ޒުވާނުންގެ މެދުގައި މަގްބޫލު ޕާޓީއެއް ކަމަށާއި، އެކަމުގެ ފަހަތުގައި ވަނީ އެ ޕާޓީން ޒުވާނުންނާ މެދު މުއާމަލާތް ކުރާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީއޭ އަކީ ޒުވާނުންނަށް އޮޅުވާލައިގެން ޒުވާނުން ވާވައްދައިގެން ކަންކަން ކުރާނެ ޕާޓީއެއް ނޫން. އަޅުގަނޑުމެންގެ ސިޔާސަތަކީ ޒުވާނުންނާ އެކީގައި ޒުވާނުންގެ ހަކަތަ އާއި ޒުވާނުންގެ އެއްބާރުލުމާ އެކު އެމްޑީއޭ ކުރިއަށް ގެންދިއުން،" މައުރޫފް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި ޒުވާނުންތަކެއް ވަނީ އެމްޑީއޭއަށް ގުޅިފައެވެ.

އެމްޑީއޭ އިން ބުނީ އެޕާޓީގެ އަމާޒަކީ ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީއަށްވުން ކަމަށެވެ.