11 Apr 2011, 14:01
ހުކުމް ތަންފީޒުނުކުރެވި 465 ކުށްވެރިއަކު ދޫވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް މިއަދު ވިދާޅުވީ ހުކުމް ތަންފީޒު ނުވެ ވީއްލި، މުޖުތަމައުގައި އުޅޭ 465 ކުށްވެރިންގެ ތެރޭގައި ޝަރީއަތުން ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު މި މައުލޫމާތުތައް ދެއްވަމުން ހަވާލާދެއްވާފައި ވަނީ މާލެ އާއި އަތޮޅުތަކުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީ އާއި މީހުން މެރުމާއި ގޭންގް ކުށްތައް ހުއްޓުވަން ރައީސް އެކުލަވައިލެއްވި ކޮމިޓީން ފާހަގަ ކޮށްފައިވާ މައުލޫމާތު ތަކަށެވެ.
ސްޓޭޓް މިނިސްޓަރު، އަދި ޑީޕީއާރުއެސްއާ ބެހޭ ބައިގެ އިސްވެރިޔާ ސަން އަށް ދެއްވި އިންޓަވިއެއްގައި މިއަދު ވިދާޅުވީ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުންގެ ތެރޭގައި ހުކުމް ތަންފީޒު ނުކުރާ 336 މީހަކު އެބަތިބި ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި އަރުވާލާށާއި ޖަލަށް ހުކުމްކޮށްފައި ތިބި 168 މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ވިދާޅުވީ މި އެންމެނަކީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ހުކުމް ކޮށްފައިވާ ފަރާތްތައް ކަމަށެވެ.
އާދިލު ވިދާޅުވީ ވީއްލިގެން އުޅޭ ކުށްވެރިންގެ ތެރޭގައި ފިލައިގެން އުޅޭ 112 ކުށްވެރިއަކު ވެސް ހިމެނޭ ކަމަށެވެ. އެގޮތުން 2009 ގެ ޖެނުއަރީގެ ކުރިން 90 މީހަކު ފިލާފައިވާއިރު އޭގެ ފަހުން ފިލި 22 ކުށްވެރިއަކު އުޅޭ ކަމަށް ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ހަވާލާދެއްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ އޯގަސްޓް، 2008ގެ ކުރިން ރަށު ބަންދަށް ދޫކުރި 40 މީހަކު ހިމެނޭއިރު 130 މީހަކު އަރުވާލަން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ބަންދު ނުކުރެވޭ 17 މީހުންނަކީ އޯގަސްޓް 2003ގައި މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާއާ ގުޅިގެން ހުކުމްކޮށްފައިވާ މީހުން ކަމަށެވެ.
"އަރުވާލުމަކީ ހުކުމެއްގެ ގޮތުގައި ނުބެލެވޭ. އެއީ ރަށްރަށުން ވެސް މިހާރުގެ ހާލަތަށް ބަލައި ބަލައެއް ނުގަނޭ. އެހެންވެ އެމީހުން ފޮނުވާނުލެވި ތިބެނީ، ބަޑިޖެހި ހާދިސާއާ ގުޅިގެން ހުކުމްކުރި އެންމެ މީހަކު ފިޔަވާ އެހެން އެއްވެސް މީހަކު ޖަލުތަކަށް ނުގެންދެވޭ. އެމީހުން ޖަލުތަކަށް އެތެރެކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ ކުށްވެރިން ދޫވެ، ހުކުމްތަންފީޒު ނުކުރެވިދާ މައްސަލައާ ގުޅިގެން ގިނަ ފަރާތްތަކުން ޑީޕީއާރުއެސްއަށް އިނގިލި ދިއްކުރި ނަމަވެސް ފިލައިގެން އުޅޭ ކުށްވެރިންތައް ހޯދުމުގެ މަސައްކަތް ފުލުހުން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
" ގިނަ ފަރާތްތަކަކުން އެބަބުނޭ ކުށްވެރިންގެ ރެކޯޑެއް ވެސް ނެތޭ. އެހެންނަމަވެސް ހުކުމްކުރެވޭ ހުރިހާ އެންމެންގެ މައުލޫމާތެއް ޑީޕީއާރުއެސްގައި އެބަހުރި. ނަމަވެސް މިކަންތައް ހައްލުކުރަން ބޭނުންވާނަމަ މިހާރު ހުރި ދަތިތައް ފާހަގަކޮށް، އެކަންތައް ހައްލުކުރަން އުޅެންވީ. ޖަލެއް ނެތުމުގެ މައްސަލަ އެބަދިމާވޭ،" އާދިލް ވިދާޅުވި އެވެ.