ޖަޕާން ގައި ކުރިއަށްދާ ނުވަ ވަނަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު ކުޅުނު ތިން ވަނަ މެޗުން ޕާކިސްތާން އަތުން މޮޅުވެއްޖެއެވެ.

އިއްޔެ މެޗުން ޒުވާން ގައުމީ ނެޓްބޯޅަ ޓީމް މޮޅުވީ 19 ޕޮއިންޓްގެ ތަފާތުންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން ރާއްޖެ އަށް 54 ޕޮއިންޓް ލިބުނު އިރު ޕާކިސްތާނަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.

އެ މެޗުން ރާއްޖެ މޮޅިވި ނަމަވެސް ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވުމުން ރާއްޖޭގެ ނެޓް ބޯޅަ ޓީމް ވަނީ ކަޓާފައެވެ. އެހެން ކަމުން އެއްޔެގެ މެޗް ވެގްން ގޮސްފައިވަނީ ރޭންކިން މެޗަކަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 80 ޕޮއިންޓްގެ ތަފާތަކުންނެވެ. އެ މެޗުގައި ރާއްޖެ ޓީމަށް 16 ޕޮއިންޓް ލިބުނު އިރު މެލޭޝިއާ ޓީމުން 96 ޕޮއިންޓް ވަނީ ހޯދާފައެވެ.

މުބާރާތުގެ ދެވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެ ކުޅުނީ ޖަޕާނާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުން ރާއްޖެ ބަލިވީ ނުވަ ޕޮއިންޓުންނެވެ.

މި މެޗު 51 ޕޮއިންޓުން ޖަޕާން ކާމިޔާބް ކުރިއިރު ރާއްޖެ ޓީމަށް ހޯދުނީ 42 ޕޮއިންޓެވެ.