ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭ ލިޔުންތައް އެމަނިކުފާނާ ހަވާލުކުރަން ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބުނެފި އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ވަކީލުން ވިދާޅުވީ އިސްތިއުނާފު މައްސަލައިގެ ލިޔުންތައް އެމަނިކުފާނާ ހަވާލު ކުރުމަށް ބުރާސްފަތި ދުވަހު މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފުރުސަތު ދީފައި ނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެ މައްސަލައިގެ ލިޔުންތައް ސީދާ ނަޝީދާ ހަވާލު ނުކުރެވޭނެ ކަމަށާއި، ލިޔުންތައް ހަވާލު ކުރަން ބޭނުންނަމަ ކަރެކްޝަންސްގެ ހެޑް އޮފީހަށް ލިޔުންތައް ހުށަޅުމަށް ކަރެކްޝަންސް އިން ބުނި ކަމަށް ނަޝީދުގެ ވަކީލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވިއެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުން ވަނީ އެއީ އެބޭފުޅުން އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށް ލިޔުންތައް ނަޝީދާއި ހަމައަށް ފޯރުކޮށްދިނުމުން ސިއްރު ނުހިފެހެއްޓޭނެ ކަމަށާއި ކަރެކްޝަންސް އަށް އެވަރުގެ އިތުބާރެއް ނެތް ކަމަށް ވަކީލުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ލޯ ކުރިމަތިން ކައްސާލައިގެން ގޮސް ކަރެކްޝަންސްގެ އޮފީހުގައި ތިން ދުވަސް ވެފައި ނަޝީދު އަތްޕުޅަށް ދާއިރު އަޅުގަނޑުމެންނަށް ޔަގީންކަމެއް ނެތް ކިތައް ފޮޓޯ ކޮޕީ ހެދިގެން ކިތައް ފަރާތަށް މީތި ޑިސްޓްރިބިއުޓް ވެގެންދާނެ ކަމެއް. އެވަރުގެ ޓްރަސްޓެއް ކަރެކްޝަންސް އަކަށް ނެތް،" ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސައިން ވިދާޅުވިއެވެ.

ވަކީލުން ވިދާޅުވީ މިއަދުވެސް ލިޔުންތައް ނަޝީދާ ހަވާލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ ކުރިން ވަކީލުން ވަނީ ލިޔުންތައް ތައްޔާރު ކުރަން ލިބޭ ވަގުތު ކުޑަކަމަށް ބުނެ، ވަގުތު އިތުރުކޮށްދިނުމަށް އެދިފައެވެ. އެއަށްފަހު ސަރުކާރުން ވަނީ ނަޝީދުގެ ގާނޫނީ ޓީމަށް ކޮންމެ ދުވަހަކު އެމަނިކުފާނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސާ ދީފައެވެ.

ނަމަވެސް މިއަދު ވަކީލުން ވިދާޅުވީ ކޮންމެ ދުވަހަކުބައްދަލު ކުރެވުނު ނަމަވެސް ލިބޭ ދެ ގަޑިއިރުގެ ވަގުތު ކުޑަ ކަމަށެވެ.