ނ. އަތޮޅުގެ ރަށްތަކަށް އަމާޒު ކޮށްގެން ބާއްވަމުން އަންނަ ސިޔާމް މައުރޫފް ކަޕްގައި ލަންދޫއާއި ހޮޅުދޫ މިއަދު ކުޅުނު މެޗް 1-1 އިން އެއްވަރުވެގެން ނިމެއްޖެވެ.

ނުވަ ޓީމް ބައިވެރިވާ އެ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ކުޅުނު މެޗް އެއް ވަރު ވުމުން ލަންދޫ ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ލިބިގެން ގުރޫޕްގެ ދެވަނާގައި އޮތް އިރު ހޮޅުދޫ އޮތީ ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ލިބިގެން ހަތަރު ޓީމް ހިމެނޭ އެ ގުރޫޕްގެ ފުލުގަ އެވެ.

ކުޑަފަރީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗްގައި ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ ހޮޅުދޫ ޓީމުންނެވެ. އެ ގޯލް ފުރަތަމަ ހާފްގައި ކާމިޔާބް ކޮށްދިނީ މުސާ އިބްރާހީމެވެ.

ފުރަތަމަ ހާފް އެ ނަތީޖާގައި އޮވެ ނިމުނު ކަމުގައި ވިޠަސް ދެވަނަ ހާފް ގައި ލަންދޫ އިން ވަނީ ލަނޑެއް ޖަހައި މެޗް ގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ގޯލް ލަންދޫއަށް ކާމިޔާބު ކޮށްދިނީ މެޗްގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ މުހައްމަދު ސަމާހް އެވެ. އެ މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އޭނާ އެވެ.

މިދިޔަ އަހަރުން ފެށިގެން ކެދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ގެ އިސްނެގުމުގެ މަތިން ނ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަށް އެ އަތޮޅުން އަންނަނީ ވަރަށް ބޮޑު ތަރްހީބެއް ލިބެމުންނެވެ.

އެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން މަނަދޫ މާދަމާ ނިކުންނާނީ ގުރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރު ވެގެން އެއް ޕޮއިންޓާ އެކު އޮތް ހެނބަދޫއާ ދެކޮޅަށެވެ. އެމެޗް ކާމިޔާބުކޮށްގެން މަނަދޫ އަށް ގުރޫޕް ބީ ގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.