18 Dec 2015, 19:14
ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި މާލެ ގެނެސް އާންމުންނަށް ދައްކާލައިފި އެވެ.
ކަޅުއޮށްފުންމި މާލެ ގެނެސްފައި މިވަނީ ގައުމީ ދުވަހުގެ ހަރަކާތުގައި ހއ. އުތީމުގައި ރަސްމީކޮށް އިފްތިތާހުކުރުމަށްފަހުގަ އެވެ.
މިއަދު ހަވީރު ކަޅުއޮށްފުންމި ބަނދަރުކޮށްފައި ވަނީ ޢިއްޒުއްދީން ފާލަމަށެވެ. ކަޅުއޮށްފުންމި ބަލާލުމަށް އިއްޒުއްދީން ފާލަން ކައިރިއަށް ގިނަ ބަޔަކު ޖަމާވި އެވެ.
މިއަދު ކަޅުއޮށްފުންމި މާލޭގެ ރަސްމީ ފާލަމަ ބަނދަރު ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރުގެ ނައިބުު މާޒް އަހުމަދު ސަލީމު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން، އަސްލު ކަޅުއޮށްފުންމި އޮންނާނެ ގޮތް ކަމަށް ބަލައިގެން ސަރުކާރުން އޮޑިއެއް ތައްޔާރު ކުރުމުން ދޭހަވެގެން ދަނީ މި ސަރުކާރުން ދިވެހި ތާރީހު އާލާކޮށް ދެމެހެއްޓުމަށް އިސްކަންދޭ މިންވަރު ކަމަށެވެ.
ސަލީމް ވިދާޅުވީ ކަޅުއޮށްފުންމި ބަނދެފައި ވަނީ ވަކި ގޮތަކަށް ހެދިފައިވާ ރުއް ބޭނުން ކޮށްގެން ކަމަށެވެ.
"އެއީ ރަށުގެ ދެ ފަރާތުގައި ހުންނަ ރުއް. އިރު އަރާ ފަރާތައި އިރު އޮއްސޭ ފަރާތުގައި ހުރި ރުއް ބޭނުންކޮށްގެން މި އޮޑި ބަނދެފައި މި އޮތީ. އެއީ އެ ޒަމާނުގައި މުހައްމަދު ތަކުރުފާނު ކަޅުއޮށްފުންމި ބަނުމަށްޓަކައި ދިރާސާ ކުރެއްވުމަށްފަހު އެ ކަޅުއޮށްފުންމި ބަނުމަށް ބޭނުން ކުރި ގޮތް،" ސަލީމް ވިދާޅުވި އެވެ.
ފަންސާސް އެއް ފޫޓު ހަ އިންޗީގެ ބޮޑު މިނުގެ މި އޮޑި ބަނުމަށް އެއް މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ބޮޑުތަކުރުފާނު ބެންނެވި ކަޅުއޮށްފުންމީގެ ކުރެހުމެއް ތާރީހުން ފެންނަން ނެތުމާއި ގުޅިގެން، މި އޮޑި ބަނުމަށް ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ތާރީހީ ފޮތްތަކުގައި އޮޑި ސިފަކޮށްދީފައިވާ ގޮތަށް ބަލައިގެން އޮޑި ފަރުމާކޮށްފައި ވަނީ، ވަޖީހު އެވެ.
ބޮޑުބެރުގެ ހަރަކާތްތަކާއި އެކު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، ކަޅުއޮށްފުންމީގެ ފަޅުވެރިންނަށް އުތީމު ރައްޔިތުންގެ ފަރާތުން ހާއްސަ ފަރިވަޅެއް ވަނީ އަރުވާފަ އެވެ.
މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖް ޖަމިއްޔާ އިން ބަނދެފައިވާ ކަޅުއޮށްފުންމި ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން، އިއްޒުއްދީން ފާލަމުގައި ދެ ދުވަސް ވަންދެން މި އޮޑި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއަށް ފަހު ކަޅުއޮށްފުންމި ބޭނުންކުރާނީ ތާރީހީ އެއްޗެއްގެ ގޮތުގައި އެވެ. އެގޮތުން ހެރިޓޭޖް ކުރިމަތީގައި އާންމުންނަށް ފެންނާނެހެން ކަޅުއޮށްފުންމި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮޑި ބަނުމަށް ކެނޑި ކޮންމެ ރުކަކަށް ދެ ރުއް ނޭކުރެންދޫގައި ވަނީ އިންދައިފަ އެވެ.