ރަބާތް (ޑިސެމްބަރު 18) : ލީބިޔާގައި އެއްސަރުކާރު އުފެއްދުމަށް ސޮއިކުރި އެއްބަސްވުމަށް އެގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލީޑަރުން ދެކޮޅު ހެދުމުގެ އިތުރުން ދެސަރުކާރުގެ ޕާލަމެންޓްގެ ރައީސުންވެސް އެއެއްބަސްވުމުގައި ސޮއިކުރުމަށް ދެކޮޅު ހައްދަވާފައިވާތީ އެއެއްބަސްވުން ކާމިޔާބުވެދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ އދ.ގެ މަންދޫބު މާޓިން ކޮބްލަރު ވިދާޅުވީ ޓްރިޕޮލީގައިވާ ޕާލަމެންޓްގެ ރައީސް ނޫރީ އަބޫ ސަހްމީން އާއި ތުބްރުގްގައިވާ ޕާލަމެންޓްގެ ރައީސް އަގީލާ ސާލިޙް ސޮއިނުކުރެއްވުމަކީ ދެރަކަމެއްކަމުގަ އެވެ. މޮރޮކޯގެ ސުޚައިރާތުގައި އިއްޔެ މިއެއްބަސްވުމުގައި ސޮއިކުރި ލީބިޔާގެ ސިޔާސީ ބައެއް ޕާޓީތަކާއި ޖަމާއަތްތަކުގެ ވެރިންނެވެ. ލީބިޔާގެ އެންމެ ބާރުގަދަ ފަރާތްތައް ކަމަށްވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލީޑަރުން ވެސް މިއެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެ އެވެ.

މިއެއްބަސްވުން ގޮވާލަނީ ލީބިޔާގައި މިހާރު އޮތް ވާދަވެރި ދެ ސަރުކާރުގެ ބަދަލުގައި ދެފަރާތް ގުޅިގެން އެއް ސަރުކާރު އުފެއްދުމަށެވެ. މިއެއްބަސްވުން ގޮވާލަނީ ހަމަލާތައް ހުއްޓާލައި ވާދަވެރި ހުރިހާ ފަރާތްތަކަކުން ވެސް ސުލްޙައިގެ ވާހަކަތައް ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ. ނަމަވެސް ލީބިޔާގެ އެންމެ ބާރުގަދަ ފަރާތްތައް މިއެއްބަސްވުމަށް ދެކޮޅު ހެދުމުން އެއްބަސްވުން ތަންފީޒު ކުރުމުގެ ފުރްސަތު ކުޑަކަމަށް މުރާސިލުން ބުނެ އެވެ. އަރަބި ރަބީއުގެ އޮއިވަރުގައި ލީބިޔާގެ ރައްޔިތުންގެ ބަޔަކު އެގައުމުގެ ކުރީގެ ޒައީމް މުއައްމަރުލްގައްޒާފީގެ ސަރުކާރާ ދެކޮޅަށް ނުކުތްނަމަވެސް ގައްޒާފީގެ ސަރުކާރު ވައްޓާލާފައިވަނީ ލީބިޔާގެ އޭރުގެ އިދިކޮޅު ޖަމާއަތްތައް ގުޅިގެން ގައްޒާފީއާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަކޮށްގެންނެވެ.

ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ލިބިޔާގައި ގާއިމް ކުރުމަށް ކަމަށްބުނެ ހުޅަނގުގެ މަދަދާއެކު ގައްޒާފީގެ ސަރުކާރު ވައްޓާލި ނަމަވެސް ލީބިޔާގެ ރައްޔިތުންނަށް ތަހައްމަލް ކުރަންޖެހުނީ ގައްޒާފީގެ ވެރިކަމަށް ވުރެވެސް ނުބައި އަދި އަނިޔާވެރި ވެރިކަމަކާ އެވެ. މިކަމުގެ ސަބަބުން ލީބިޔާގައި ބައިބައިވުން އުފެދި ޓެރަރިޒަމްގެ ހާއްޔަކަށް ލީބިޔާ ބަދަލުވެގެން ގޮސްފައިވެއެވެ. އަދި ގައްޒާފީގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަރައްގީގެ ގިނަ ވަސީލަތްތައް ވެސް މިހަމަނުޖެހުންތަކުގައި ވަނީ ހަލާކުކޮށްލާފަ އެވެ.
ލީބިޔާގައި އެއްސަރުކާރު އުފެއްދުމަށް އެކުލަވާލި އެއްބަސްވުން ވުޖޫދަށް އައިސްފައި ވަނީ އދ. ން މިކަމަށް ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. (އަލްޖަޒީރާ)