11 Apr 2011, 13:32
ފޮރިން މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައިވާ މަސްއޮޑި އަހްމަދު ނަސީމާއި އެޓާނީޖެނެރަލް ކަމަށް އައްޔަން ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށް ފަހު، އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އެވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 62 މެންބަރުން ނަސީމަށް ރުހުން އޮތްކަމަށް ވޯޓު ދެއްވި އެވެ. އޭނާ އަށް ރުހުން ނެތްކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވި އެވެ.
މުއިއްޒަށް ރުހުން އޮތްކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 74 މެންބަރުންނެވެ. ރުހުން ނެތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
އެ ދެބޭފުޅުންގެ ނަން ދިރާސާކުރި، "ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ"ގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ވިދާޅުވީ، އެ ދެ ބޭފުޅުންނަކީ ވަޒީރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަވާ ބައެއް ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތުން މުއިއްޒުގެ ނަން ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވާ އިރު ނަސީމުގެ ނަން ކޮމިޓީގެ ތިން މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރިޕޯޓަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ، ވަޒީރުކަށް އައްޔަން ކުރައްވާ ބޭފުޅުން އިހްލާސްތެރި މަސައްކަތްތައް ކުރައްވަމުން ނުގެންދަވާ ކަމަށެވެ. އަދި ވަޒީރުކަން ލިބުމަށް ފަހު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ފައިދާއަށް ކަމަށް ވެސް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.
އެޓަނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓާ ޖެނެރަލް ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި، އަބުދުﷲ މުއިއްޒު ހުސްވި މަހު 22ގައި އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުގެ ސަބަބުންނެވެ. އަދި އަހްމަދު ނަސީމު މިހާތަނަށް ހުންނެވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމުގަ އެވެ. އޭނާ އަށް ފޮރިން މިނިސްޓަރުކަން ލިބިވަޑައިގެންފައި ވަނީ ކުރިން އެމަގާމުގައި ހުންނެވި، ޑރ. އަހްމަދު ޝަހީދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން މަގާމުން އިސްތިއުފާދެއްވުމަށް ފަހު، ދުވަސްތަކެއް ވޭތުވުމަށްފަހުގަ އެވެ.