18 Dec 2015, 13:39
ވޮޝިންޓަން (ޑިސެމްބަރު 18):ޓެރަރިޒަމްގެ ޙަރަކާތްތައް އައު މަރްޙަލާއަކަށް ވަދެފައިވާ ކަމަށާއި މި މަރްޙަލާގައި ޓެރަރިޒަމްގެ ނުރައްކާތެރިކަން އޮތްމިންވަރު ދެނެގަތުމަކީ ވަރަށް ދަތި އުނދަގޫ ކަމެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ގައުމީ މަރުކަޒަށް ވަޑައިގެން ދެއްވި ތަގްރީރެއްގައި އޮބާމާ ވިދާޅުވީ، އެމެރިކާގެ އެތެރޭގައި ޓެރަރިސްޓް ޙަމަލާތަކެއް ހިންގުމުގެ ނުރައްކާ އޮތްކަމުގެ އެއްވެސް މައުލޫމާތެއް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް އޭގެ މާނައަކީ އެމެރިކާއަށް ޓެރަރިޒަމްގެ އެއްވެސް ބިރުވެރިކަމެއް މުޅިން ނެތުން ނޫންކަމުގައެވެ.
އޮބާމާ ވިދާޅުވީ، ކެލިފޯނިޔާގެ ސެންބާނާޑިޔޯ އަށް ދާދިފަހުން ދެމަފިރިއަކު ދިން ޓެރަރިސްޓް ޙަމަލާތަކަކީވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އެކަމުގެ މައުލޫމާތު ކުރިން ލިބިފައިވާ ހަމަލާތަކެއްނޫންކަމުގައެވެ.
ސެންބާނާޑިޔޯގެ ހަމަލާތައް ފަދަ ޙަމަލާތަކަކީ އެފަދަ ޙަމަލާތައް ދޭނެކަން ކުރިން ދެނެގަތުން ދަތި ޙަމަލާތަކެއްކަމަށްވެސް އޮބާމާ ވިދާޅުވި އެވެ. މިއީ އެމެރިކާގެ ޖާސޫސީ އިދާރާތައް ފޭލްވުންކަމަށް އޮބާމާ ވިދާޅެއް ނުވެއެވެ.
އޮބާމާގެ ވާހަކަފުޅުގައި އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ހަރުކަށި އިންޒާރެއް ދެއްވި އެވެ. އޮބާމާ ވިދާޅުވީ، އައިއެސް އަށްވެސް އަދި އެހެން ޖަމާއަތަކަށްވެސް އެމެރިކާއަށް ހަމަލާދީފައި ސަލާމަތް ނުވެވޭނެ ކަމުގައެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތައް ފާޅުވެފައިވަނީ އިރާގަށް ގަދަބާރުން އެމެރިކާ ސިފައިން އަރައި ކޮށްފައިވާ އުދުވާނީ ހަނގުރާމައިގާ އިރާގުގެ އެތަށް ލައްކަ ބަޔަކު މަރައި އެގައުމުގައި އެމެރިކާ ހިންގާފައިވާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ބަދަލު ހިފުމުގެ ރޫޙެއްގައި ކަމަށް ޚުދު އެމެރިކާގެ ބައެއް މަސްއޫލުވެރިން ވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
އިރާގާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގާ އިރާގުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ސިފައިން ބޭނުންކުރި ޑިޕްލީޓެޑް ޔޫރޭނިޔަމް އަކީ ތިރީހަކަށް ނިއުކްލިޔަރ ބޮމުގައި ބޭނުންކުރާ މިންވަރުގެ ފައްކާކުރި ޔޫރޭނިޔަމް ކަމަށާއި މިކަމުގެ ސަބަބުން އިރާގުގެ ރައްޔިތުންނަށް ކުރިމަތިވި ނިއުކްލިޔަރ ރޭޑިއޭޝަންގެ އަސަރު ޖަޕާނަށް އެމެރިކާ އެޅި އެޓޮމް ބޮމުން ޖަޕާނުގެ ރައްޔިތުންނަށް ކުރި އަސަރަށްވުރެ ދިހަވަރަކަށް ގުނަ ބޮޑުކަމަށް ތަޖްރިބާކާރުން ވިދާޅުވެފައިވެއެވެ.
އިރާގުގެ ފައްލޫޖާ ފަދަ ސަރަހައްދުތަކުގައި އެމެރިކާ ބޭނުންކުރި ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ ހަތިޔާރުތަކުގެ ސަބަބުން އެސަރަހައްދުތަކުގައި އުފަންވާ ގިނަކުދިން ވިހާއިރުވެސް ތިބެނީ ކެންސަރުޖެހި އެކުދިންގެ ޖީންތައް ބަދަލުވުމުގެ ސަބަބުން ބިރުވެރި ސިފައަކަށެވެ.
އެމެރިކާ އުދުވާނަށްފަހު އިރާގުގައި ކެންސަރުގެ ޙާލަތްތައްވަނީ އެތަށް ގުނައަކަށް އިތުރުވެފައި ކަމަށް އިރާގުގެ ސިއްޙީ ދާއިރާތަކުން ބުނެފައިވެއެވެ. މީގެއިތުރުން އިރާގުގެ އަބޫ ޣުރައިބު ޖަލާއި އެނޫންޖަލުތަކުގައިވެސް އިރާގުގެ އަސީރުންނާ ދެކޮޅަށް އެމެރިކާ ސިފައިންވަނީ ދުނިޔެ ސިއްސައިގެން ދާފަދަ އަނިޔާވެރި އަމަލުތަކާއި ބިރުވެރި ޖަރީމާތައް ހިންގާފައެވެ. މިޖަރީމާތައް އިރާގުގައި އެމެރިކާ ހިންގާފައިވަނީ އިރާގުގެ ފަރާތުން އެމެރިކާއަށް އެއްވެސް ކަމެއްކޮށްގެނެއްނޫނެވެ.
އަނެއްކޮޅުން އެމެރިކާގެ އަމިއްލަ މަގްސަދްތައް ހާސިލް ކުރުމަށްޓަކައި އައިއެސްގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް އެމެރިކާ އަމަލީ ގޮތުން މާބޮޑު ކަމެއްނުކޮށް އައިއެސް އަށް ސިއްރިޔާތުގައި ހަތިޔާރު ދޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. އަދި އައިއެސްއާ ދެކޮޅަށް ވައިގެ މަގުން އެމެރިކާ ދޭ ޙަމަލާތަކުގައިވެސް ގިނައިން މަރުވަނީ އިރާގާއި ސޫރިޔާގެ އާންމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)