އިންޑިއާގެ ތުރިވަނަންތަ ޕޫރަމް (ޓްރިވެންޑްރަމް) އަށް އިއްޔެ ދިޔަ ދިވެހިންތަކެއްގެ އަތުން ގެއްލުނު ޕާސްޕޯޓްތައް އެމީހުން ދަތުރުކުރި އޮޓޯގެ ޑްރައިވަރަށް ފެނިގެން، ޓްރިވެންޑްރަމްގައި އެމީހުން ތިބި ހޮޓަލަށް ގެންގޮސް އެމީހުނާ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅިގެން ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން މިއަދު ސަންއަށް މައުލޫމާތު ދިންގޮތުގައި، ޑިސެމްބަރު މަހު 17 ވަނަ ދުވަހު ޓްރިވެންޑްރަމަށް އައި 8 ދިވެއްސެއްގެ ޕާސްޕޯޓް ގެއްލިގެން އެކަން އެ ކޮންސިއުލޭޓަށް އަންގާފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު އެމައްސަލަ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ޕޮލިސް ސްޓޭޝަނަށް ވެސް ރިޕޯޓްކޮށްފައި ވާކަމަށެވެ.

"ޕާސްޕޯޓްތައް ފެނުނީ، އެމީހުންގެ ތެރެއިން އެއް ބަޔަކު ދަތުރުކުރި އޮޓޯގެ ޑްރައިވަރަށް. އެއީ ރާޖޫ ނަމަކަށް ކިޔާ އޮޓޯ ޑްރައިވަރެއް. އޭނާ ވަނީ އެ ޕާސްޕޯޓްތައް ފެނިގެން، 8 ޕާސްޕޯޓް މިއަދު އެމީހުން ތިބޭ ހޮޓަލަށް ގެނެސް އެމީހުންނާ ހަވާލުކޮށްދީފައި،" ކޮންސިއުލޭޓުން ބުންޏެވެ.

ދިވެހިން ބޭރުގައުމުތަކުގައި އުޅޭއިރު، އެމީހުންގެ ޕާސްޕޯޓް ގެއްލިއްޖެ ނަމަ، ހަމަޖެހިފައިވާ އުސޫލުން އެކަން އެ ސަރަހައްދެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށާއި އަދި ހަމަ އެހެންމެ، އެ ގައުމެއްގައި ހުންނަ ދިވެހި ސަރުކާރުގެ ކަމާގުޅޭ އިދާރާއަކަށް އަންގަން ޖެހޭނެއެވެ.

"ޕޮލިސް ރިޕޯޓް ލިބުމުން ދިވެހި ކޮންސިއުލޭޓް މެދުވެރިކޮށް އެކަން ރާއްޖޭގެ އިމިގްރޭޝަނަށް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުގެ މަތިން ދަތުރުކުރުމުގެ ވަގުތީ ހުއްދައެއް ދޫކުރެވޭނެ. އަދި ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ނަގަންޖެހޭ އިތުރު ހުއްދަތަކެއް ވެސް ނަގައިގެން،" މިކަމާގުޅޭ ގޮތުން ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުންޏެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ކޮންސަލް އަލީ އާދަމް ވަނީ، ދިވެހި 8 ޕާސްޕޯޓް ހޯދައިގެން ގެނެސް އެ ފަރާތްތަކާ ހަވާލުކޮށްދިން އޮޓޯ ޑްރައިވަރު ރާޖޫއާ ބައްދަލުކުރައްވައި އޭނާއަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ދުވަސްވަރަކީ، ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރުކަމަށްވުމާއި އަދި ދިވެހިން އެ ކުޅިވަރަކަށް އެންމެ ފޯރިހުންނަ، ފުޓްބޯޅައިގެ އީދެއްވެސް ޓްރިވެންޑްރަމްގައި ފެށުމަށް ހަމަޖެހިފައިވާ ދުވަސްވަރަކަށް ވުމުން ގިނަ އަދަދެއްގެ ދިވެހީން ޓްރިވެންޑްރަމަަށް ދަތުރުކުރަމުން އެބަ ގެންދެއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، ޕާސްޕޯޓް އަދި އެނޫންވެސް އެފަދަ މުހިއްމު ތަކެއްޗަށް މިހާރަށް ވުރެ ބޮޑަށް ރައްކާތެރިވުމަކީ،" ކޮންސިއުލޭޓުން ބުންޏެވެ.

ޕާސްޕޯޓަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތަކަށް ވާއިރު، އެ ހަވާލުކުރެވިފައިވާ ފަރާތުން ރައްކާތެރިކާމާއެކު ޕާސްޕޯޓް ބެލެހެއްޓުމަށް އަންގާފައި ވެއެވެ. އަދި ޕާސްޕޯޓެއް ގެއްލިއްޖެ ނަމަ ނުވަތަ ގެއްލުމެއް ވެއްޖެ ނަމަ އޭގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާވެސް ކުރެވޭނެއެވެ.