މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައާ ގުޅިގެން، ރައްޔިތުން މޫސުމަށް ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް އިން ފޯކާސްޓް ކޮށްފައިވާ ގޮތުން، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

އެގޮތުން ނ. އަތޮޅާއި ގދ. އަތޮޅުގެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އެ އިދާރާއިން ވަނީ މިއަދު 08:15 އިން 14:00 ށް ވައިޓް އެލާރޓް ނެރެފައެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

އެހެންކަމުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުކަންދީ ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފައިގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ސާމާނުތައް ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ރަށު ތެރޭ ފެންބޮޑުވެ ގެދޮރަށް ފެން ވަނުމުގެ ކުރިން ވެލިބަސްތާ ފަދަ ތަކެތި ޖަހައި ގެއަށް ފެން ނުވަންނާނޭ ފަދަ ގޮތަކަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި ގުގުރުމާއި އެކު ވިއްސާރަ ކުރާނަމަ ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުމުގެ އިތުރުން މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެއްވާ މަޢުލޫމާތުތަކަށް ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.

މާލެ ސަރަހައްދަށް ރޭ ބޯކޮށް ވާރޭ ވެހި، މާލޭގައި ފެންބޮޑުވެފައި ވާއިރު އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނު އެޅުމުގެ ސަބަބުން އެ އެއާޕޯޓްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފައެވެ.

އޭގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ރޭ ވަނީ ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ، ޔެލޯ އެލާޓް ވެސް ނެރެފައެވެ.