18 Dec 2015, 12:49
ޗެލްސީއަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ކޯޗް ހޯސޭ މޮރީނިއޯ އެ ޓީމުގެ ކޯޗް ކަމުން އިއްޔެ ވަކިކުރީ ޓީމްގެ މަސްލަހަތު ހިމާޔަތް ކޮށް ރައްކާތެރިކުރުމަށް ކަމަށް އެ ޓީމް ޓެކްނިކަލް ޑައިރެކްޓަރު މައިކަލް އިމެނަލޯ ބުނެފިއެވެ.
ޗެލްސީ ޓީވީގައި ވާހަކަ ދައްކަމުން އެމެނަލޯ ބުނީ ޗެލްސީއަށް ތަފާތު މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި މޮރީނިއޯއާއި ވަކިވަކި ކުޅުންތެރިންނާ ވެސް ވަނީ މައްސަލަ ޖެހި ހިޔާލު ތަފާތުވުން ތަކެއް އުފެދިފައި ކަމަށެވެ.
"ކޯޗާއި ކުޅުންތެރިންނާއި ދެމެދު އޮންނަން ޖެހޭނީ ވަރަށް ގާތް ގުޅުމެއް. ނަމަވެސް އެ ގުޅުން އޮންނަ ތަނެއް ނުފެނޭ. ފެންނަ މުންދަނީ ހިތްހަމަ ނުޖެހުމާއި ދެބަސް ވުން. އެއީ ގަބޫލް ކުރެވޭނެ ކަންތައްތަކެއް ނޫން،" އިމެނަލޯ ބުންޏެވެ.
މޮރީނިއޯ ވަކިކުރުމާ ގުޅޭ ގޮތުން އިމެނަލޯ ބުނީ، އެއީ އެ ކުލަބަށް ނިންމަން އެހާ ފަސޭހަވި ނިންމުމެއް ނޫން ކަމަށާއި އެހެން ނަމަވެސް ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެން ޓީމަށް ފައިދާ ހުރި، ޓީމުގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
"މޮރީނިއޯ ވަނީ މި ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި. އެންމެ ފަހުގެ ލީގް ޗެމްޕިއަންކަން ވެސް ޗެލްސީއަށް ހޯދައިދިން. ނަމަވެސް މި ސީޒަނުގައި ޓީމް މި އޮތީ ކިރިޔާ ރެލިގޭޓް ނުވެ. ވަރަށް ގިނަ ފުރުސަތުތަކެއް ދެވިއްޖެ. އެހެންކަމުން މިއީ ހަމަ އެންމެ ރަނގަޅު ވަގުތު އޭނާ ވަކިކުރަން،" އިމެނަލޯ ބުންޏެވެ.
މޮރީނިއޯގެ ކޯޗްކަމުގެ ދަށުން ޗެލްސީ މި ސީޒަނުގައި ކުޅުނު 16 މެޗުން 15 ޕޮއިންޓް ލިބިގެން އޮތީ ތާވަލުގެ 16 ވަނައިގައެވެ. ލީގްގައި އެ ޓީމް މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.
ހުސްވެފައިވާ ޗެލްސީގެ ކޯޗްގެ މަގާމަށް މީހަކު އަދި ހަމަޖައްސާފައި ނުވާއިރު އިމެނަލޯ ބުނީ އެ ޓީމަށް ކޯޗަކު ހޯދުމުގެ މަސަތްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި މިހާތަނަށް އެއް ވެސް ފަރާތަކާ ވާހަކަ ދެކެވިފައި ނުވާކަމަށެވެ.
ލީގްގައި މާދަމާ ސަންޑަލޭންޑާ ދެކޮޅަށް ނިކުންނައިރު އެޓީމްގައި ކޯޗެއް ނެތް ކަމުގައިވީ ނަމަވެސް އިމެނަލޯ ބުނީ ޗެލްސީ އަކީ ބޮޑު، ވަރުގަދަ ކުލަބެއް ކަމަށާއި އެމީހުންގެ ކޯޗެއް ނެތް ހާލަތެއްގައި ވެސް ކަން ކުރާނެ ރަނގަޅު ޕްލޭންތަކެއް ހުންނާނެ ކަމަށެވެ.