ސިޔާމް މައުރޫފް ކަޕްގައި އިއްޔެ ހަވީރު މާޅެންދޫއާއި މަގޫދޫ ކުޅުނު މެޗް 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމެއްޖެވެ.

ނ. އަތޮޅުގެ ރަށް ތަކަށް އަމާޒު ކޮށްގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ އެ މުބާރާތް މި އަހަރު ބާއްވަމުން އަންނަނީ ކުޑަފަރީގައެވެ.

ކުޑަފަރީ ބޯޅަ ދަނޑުގައި އިއްޔެ ކުޅުނު އެ މެޗްގައި ދެ ޓީމުން ވެސް ލަނޑުޖަހާފައިވަނީ ފުރަތަމަ ހާފްގެ ކުރީ ކޮޅުގައެވެ. މާޅެންދޫ ގެ ގޯލް މޫސާ މުހައްމަދު ކާމިޔާބު ކުރިއިރު މަގޫދޫގެ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅުކުންތެރިއާގެ މަގާމް ހޯދި މުހައްމަދު އިރުޝާދުއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ނ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު އެ މުބާރާތުގެ ކޮންމެ ޓީމެއް ވެސް އެއް މެޗަށް ވުރެ އިތުރަށް ކުޅެފައިވާ އިރު ގުރޫޕް އޭ ގެ އެއް ވަނާގައި ތިން ޕޮއިންޓާ އެކު އޮތީ ކުޑަފަރީއެވެ. ދެ ވަނާގައި އެއް ޕޮއިންޓާ އެކު އޮތީ ކެނދިކުޅެދޫއެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ލިބިގެން ލަންދޫ ތިން ވަނާގައި އޮތް އިރު އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ހޮޅުދޫ އެވެ.

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ކަނޑައަޅާފައިވާ އެ މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައަޅާފައި ވަނީ 50،000 ރުފިޔާ އެވެ.

އެ މުބާރާތުގެ ގުރޫޕް ބީ ގެ އެއް ވަނާގައި ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގެން މަނަދޫ އޮތް އިރު ދެ ވަނާގައި މާޅެންދޫ އޮތީ ދެ ޕޮއިންޓާ އެކު އެވެ. ހެނބުދޫއާއި މާފަރުން ކޮންމެ ޓީމަކުން ވެސް އެއް މެޗް ކުޅެފައިވާ އިރު ދެ ޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ތާވަލުގެ ފުލުގައި ދެ މެޗު ކުޅެ އެއް ގެއްލުން އެއް ގޯލާ އެކު އޮތީ މަގޫދޫއެވެ.

އެ މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗްގައި ބައްދަލުކުރާނީ ލަންދޫއާއި ހޮޅުދޫ އެވެ.